ޚަބަރު
އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަނީ

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު، ފޮތޯ: އެމްއޭސީއެލް
މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ އިޤުތިޞާދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢު ކަމުގައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ނިންމާފައިވާއިރު، މިކަމަށް އޮންނަ ޙާއްސަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދަޢުވަތު އެރުވުމަށް، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދަޢުވަތު ދެއްވާނެކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ މިނިވަން ދުވަހު މި ޙާއްސަ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާއިރު، މި ހަފްލާ ވަރަށް ކުލަގަދަވާނެކަމުގެ އިޝާރާތްތައް އެމްއޭސީއެލްއިން ދަނީ ދެމުންނެވެ. ނަމަވެސް އެކަމާ ގުޅޭ މަޢުލުމާތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އައު ޕެސެންޖަރ ޓަރމިނަލަކީ ކޮންމެ އަހަރަކު ޖުމްލަ 7 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވިފައިވާ ޓަރމިނަލެކެވެ. އަދި 72،000 އަކަފޫޓުގެ ބޮޑުމިން ހުންނަ މި ޓާމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކިއޮސްކް ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމަކާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ހުންނާނެއެވެ.