ޚަބަރު
ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވެއްޖެ

"އަހާ" ފޯރަމްގައި ވަޒީރު ނާޒިމް ވާހަކަފުޅު ދައްކަވަނި، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
15 ޖުލައި 2025، 10:02
15 ޖުލައި 2025، 10:02
ކެންސަރު ހޮސްޕިޓަލް އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ "އަހާ ފޯރަމް"ގެ ތެރެއިން ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޞިއްޙީ ވަޒީރު ވިދާޅުވީ ޞިއްޙީ ކަންކަމަކީ ރައްޔިތުންގެ އެންމެ ޙައްސާސް އެއް މައްސަލަކަމަށެވެ. އެގޮތުން ސިއްޙީ ކަންކަމަކީ ސަރުކާރުން ވެސް އިސްކަމެއްދޭ ކަންކަންކަމަށާއި، އަދި ޙާއްސަކޮށް ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުރިޔަށްދަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްކަމަށް ވެސް ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.
"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ." ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރުގެ ވާހަކަފުޅުގައި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކެންސަރު ބަލި ޖެހުމުގެ ކުރިން ރައްކާވެ ތިބުމަށް، ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ދުރުކުރުމަށް، ޖެނެރޭޝަން ބޭންއެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ.