ކުޅިވަރު
ޤައުމީ ވޮލީ މުބާރާތާއެކު ސީޒަންގެ ތިން ތަށި ސިފައިން ކާމިޔާބުކޮށްފި

ޤައުމީ ވޮލީ މުބާރާތުގެ ތަށި ސިފައިން އުފުލާލުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޤައުމީ ވޮލީ މުބާރާތް ޖެހިޖެހިގެން ތިން ފަހަރަށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން ކާމިޔާބުކޮށްފިއެވެ. މި ކާމިޔާބާއެކު ޑީއެސްސީއިން މިވަނީ ޤައުމީ މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގައި ޑީއެސްސީއިން ކްލަބް އެޗްޑީސީ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އަދި މިއީ މި ސީޒަނުގައި އެ ކްލަބުން ކާމިޔާބުކުރި ތިންވަނަ ތައްޓެވެ. އެއް ސީޒަނެއްގައި ތިން ތަށި މީގެ ކުރިން ވެސް ޑީއެސްސީއިން ކާމިޔާބުކޮށްފައިވެއެވެ. އެއީ 2010 ވަނަ އަހަރެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީ ހުއްޓުވުމަށް ރަގަޅު ބްލޮކްތަކެއް އެޅުމަށްފަހު، ސެޓުގެ ފަހު ބައިގަ ލީޑު ނަގާ ޑީއެސްސީއިން ސެޓު ގެންދިޔައީ 25-21 އިންނެވެ.
ދެވަނަ ސެޓު ކާމިޔާބުކުރުމަށް ޑީއެސްސީއަށް މާ އުނދަގުލެއް ނުވިއެވެ. އެ ސެޓު ފަސޭހަކަމާއެކު ކާމިޔާބުކުރީ 25-14 އިންނެވެ. މި ސެޓުގައި އެޗްޑީސީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އެ ޓީމުގެ ޑިފެންސުންވެސް ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ.
Minister of Sports Fitness and Recreation Abdulla Rafiu attended the final match of the National Volleyball Championship 2025.
— Ministry of Sports, Fitness and Recreation (@MoSFR_mv) July 14, 2025
Dhivehi Sifainge Club beat Club HDC in straight sets to win the National Volleyball Championship for the third consecutive year. pic.twitter.com/Nrc6rs0XBR
ދެވަނަ ސެޓު ފަސޭހަވިޔަސް ތިން ވަނަ ސެޓު ޑީއެސްސީއަށް ކާމިޔާބު ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އެ ސެޓުގައި ލީޑުގައި ކުޅެމުންދިޔައީ ސިފައިންނެވެ. އަދި މެޗުގެ އެންމެ ފަހުކޮޅު އެޗްޑީސީއިން ނަތީޖާ ހަމަ ހަމަކުރިނަމަވެސް ސިފައިން ސެޓު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 26-24 އިންނެވެ.
މި މެޗުގެ ތަފާތަކަށް ވެގެންދިޔައީ ސިފައިންގެ ޓީމުގެ އިންޑިޔާ ކުޅުންތެރިޔާ ޗިރާގެވެ. އޭނާ ސިފައިންގެ ޓީމާ ގުޅުނީ މި ސީޒަންގެ ފުރަތަމަ ދެ މުބާރާތުގައި ސިފައިންގެ ޓީމަށް ކުޅުނު ޕާކިސްތާންގެ ހަމަދަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ގައުމީ މުބާރާތަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.