ޚަބަރު
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުގެ ކޮމިޓީއަށް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގު ފޮޓޯ:އެޑިޝަން
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނިޢުމާތު ޝަފީގު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރެއްވީ 23 ޖުލައި 2020 ގައެވެ. މި މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށް ކަމަށްވާއިރު، މި މަހުގެ 23 ވަނަ ދުވަހަށް ނިޢުމާތުގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވަނީ ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ. ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި، ރުހުން ދިނުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އަލުން އައްޔަން ކުރައްވާނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ބާރުއެޅުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ވެސް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޒިންމާއެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ އިތުރުން އެ ފަރާތްތަކުގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުމަކީވެސް އެ މަގާމުގެ ހުންނަ މީހެއްގެ މަސައްކަތެކެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް މުސާރައިގެ ގޮތުގައި 25,000 ރުފިޔާ އާއި އެލަވަންސް ގޮތުގައި 10,000 ރުފިޔާ، ޖުމްލަ 35,000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮފައެވެ.