ކުޅިވަރު

ސިނާރ ފުރަތަމަ ފަހަރަށް ވިމްބްލްޑަން ކާމިޔާބުކޮށްފި

ސިނާރ ފުރަތަމަ ފަހަރަށް ވިމްބްލްޑަން ކާމިޔާބުކޮށްފި

ސިނާރ ވިމްބްލްޑަން ތަށި އުފުލާލަނީ، ފޮޓޯ: ބީބީސީ ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޖުލައި 2025، 09:09

14 ޖުލައި 2025، 09:09

ދުނިޔޭގެ އެއްވަނައަށް ރޭންކުކޮށްފައިވާ ޖެނިކް ސިނާރ ފުރަތަމަ ފަހަރަށް ވިމްބްލްޑަން ކާމިޔާބުކޮށްފިއެވެ. 

އުމުރުން 23 އަހަރުގެ ސިނާރ މި މުބާރާތް ކާމިޔާބުކުރީ، މީގެ 36 ދުވަސް ކުރިން ފްރެންޗް އޯޕަން ފައިނަލްގައި އޭނާ ބަލިކުރި ސްޕެއިންގެ ކާރލޯސް އަލްކަރޭޒްގެ މައްޗަށް ކުރިހޯދައިގެންނެވެ. 

ލަންޑަންގެ އޯލް އިންގްލެންޑް ކްލަބުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 4-6 ގޭމުން ކާމިޔާބުކުރީ އަލްކަރޭޒްއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ސިނާރ ވަނީ 6-4، 6-4 އަދި 6-4 ގޭމުން ކާމިޔާބުކޮށްފައެވެ. 

ފްރެންޗު އޯޕަން ފައިނަލް އަލްކަރޭޒް ކާމިޔާބުކުރީ ސިނާރ ދެ ސެޓު ހޯދާފައި ވަނިކޮށް ފަހަތުން އަރާ ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. އެ މެޗު ވަނީ 5 ގަޑިއިރަށް ދެމިގެންގޮސްފައެވެ. 

މިއީ މި އަހަރުގެ ކުރީކޮޅު ޑޯޕިން ޓެސްޓުން ފެއިލްވެ ތިން މަސްދުވަހަށް ކުޅުމާ ދުރުގާ ހުރުމަށްފަހު އެނބުރި އައިސް ސިނާރ ކާމިޔާބުކުރި އޭނާގެ ކެރިއަރުގެ ހަތަރު ވަނަ ގްރޭންޑް ސްލޭމް ޓައިޓަލްއެވެ. އޭނާގެ ކެރިއަރުގެ އެންމެ ފުރަތަމަ ކާމިޔާބަކީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންއެވެ. 

އަދި ވިމްބްލްޑަން ކާމިޔާބާއެކު، ސިނާރއަކީ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ އިޓަލީގެ ކުޅުންތެރިޔާއެވެ. 

މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޕޮލެންޑްގެ އީގާ ސްވިއާޓެކްއެވެ. ސްވިއާޓެކް ފައިނަލް ކާމިޔާބުކުރީ ސީދާ ދެ ސެޓުން، 6-0، 6-0 އިން އެމެރިކާގެ އަމަންޑާ އަނީސިމޯވާ ބަލިކޮށްގެންނެވެ.

މިއީ އަމަންޑާ ގްރޭންޑް ސްލޭމް ފައިނަލެއް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ސްވިއާޓެކް ވިމްބްލްޑަންގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން