ކުޅިވަރު
ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހުޖާން

ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލް: ފޮޓޯ: ސީއޭއެމް
ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާޙިމް ހުޖާން ޢަލީ ހޯދައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު ފައިނަލް މެޗު ހުޖާން ކާމިޔާބުކުރީ މިދިޔަ ތިން އަހަރުގެ ޤައުމީ ޗެމްޕިއަން، އިސްމާއިލް އަޒްމީން ބަލިކުރުމަށްފަހުއެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ބައްދަލުކުރީ މި ދެ ކުޅުންތެރިންނެވެ. ނަމަވެސް އެ ފަހަރު ކާމިޔާބު ހޯދީ އަޒްމީންއެވެ.
މިއީ މި މުބާރާތް ހުޖާން ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
ރޭގެ މެޗު ހުޖާން ކާމިޔާބުކުރީ ސީދާ ދެ ގޭމުން، 25-10، 25-15 އިންނެވެ.
މިހާތަނަށް އަޒްމީން ވަނީ 7 ފަހަރު ޤައުމީ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން އޭނާއަށް ކާމިޔާބުކުރެވުނީ 3 ފައިނަލެވެ.
މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުގައި އަޒްމީން އާއި ހުޖާން ކުޅެފައިވަނީ ކުޑަހެންވޭރު ޔުނައިޓެޑަށެވެ. މި ދެ ކުޅުންތެރިން ވަނީ ޓީމު އިވެންޓުގެ ބައިން ޗެމްޕިއަންކަން ހޯދާފައެވެ.