ކުޅިވަރު
ޤައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން 7 ވަނަ ފަހަރަށް ވިދާދު ހޯދައިފި

ޤައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާމިނަތު ވިދާދު، ފޮޓޯ: ޕީއެސްއެމް

ފަރުދުން
14 ޖުލައި 2025، 07:42
14 ޖުލައި 2025، 07:42
ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން 7 ވަނަ ފަހަރަށް އާމިނަތު ވިދާދު ހޯދައިފިއެވެ.
ނުވަ ފަހަރު ޤައުމީ މުބާރާތުގެ ސިންގަލްސް ފައިނަލުގައި ވާދަކޮށްފައިވާ ވިދާދަކީ ދުނިޔޭގެ ރޭންކިން ގަދަ 10ގައި ހިމެނޭ ކުޅުންތެރިއެއް ވެސް މެއެވެ.
34 ވަނަ ޤައުމީ ކެރަމް މުބާރާތުގައި ވިދާދުއާ ދެކޮޅަށް ކުޅެފައި ވަނީ އައިޝަތު ނަޚުފާއެވެ. މެޗުގެ ފުރަތަމަ ގޭމް ނަޚުފާ ކާމިޔާބުކުރި ނަމަވެސް، ފަހަތުން އަރާ މި މެޗު ވިދާދު ކާމިޔާބުކުރީ 2-1 ގޭމުންނެވެ.
އެގޮތުން ފުރަތަމަ ގޭމު ނަޚުފާ ކާމިޔާބުކުރީ 4-17 އިންނެވެ. އަދި ފަހު ދެ ގޭމު ވިދާދު ގެންދިޔައީ 21-11 އަދި 25-8 އިންނެވެ.
ފައިނަލް މެޗުގެ ކާމިޔާބަށްފަހު ދިން އިންޓަވިއުއެއްގައި ވިދާދު ބުނީ، އިދިކޮޅު ކުޅުންތެރިއެއްގެ ގޮތުގައި ނަޚުފާ ބަލިކުރަން ވަރަށް އުނދަގޫވި ކަމަށެވެ. އަދި މެޗުގައި އޭނާ ޕްރެޝަރަށް ވެއްޓުނު ވަގުތުތަކެއް ދިޔަކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ވިދާދު ބުނީ އޭނާއަށް ނަޚުފާ ބަލިކުރެވުނީ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައި ހުރުމުން ކަމަށެވެ.
ވިދާދަކީ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ތަޖުރިބާ ބޮޑު، އިންޓަރ ސުކޫލް ލެވެލްއިން ފެށިގެން ޤައުމީ މުބާރާތްތަކާ ހަމައަށް އައިސްފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.