ކުޅިވަރު
ޔޫރަޕްގެ ޗެމްޕިއަނުން ބަލިކޮށް ޗެލްސީއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

ފައިނަލުގައި ގޯލު ކާމިޔާބު ކުރުމަށްފަހު ޕާރމާ އުފާފާޅުކުރަނީ---
ޔޫރަޕުގެ ޗެމްޕިއަންކަން މުޅިން އަލަށް މިދިޔަ ސީޒަންގައި ހާސިލްކުރި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ބަލިކޮށް، ޗެލްސީއިން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.
ނިއު ޖާރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބުކުރީ، އެ ޓީމުން ފުރަތަމަ ހާފުގައި ޖެހި ތިން ގޯލާއެކު، 3-0 އިންނެވެ.
މި މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި ކޯލް ޕާރމާއެވެ. ފުރަތަމަ ހާފުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޕާރމާ ވަނީ އޭގެ 8 މިނެޓުފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ހާފު ނިމުމުގެ ކުރިން، ޕާރމާ ފަހިކޮށްދިން ފުރުސަތެއްގައި ޒުއާނއޯ ޕެޑްރޯ ވަނީ ޗެލްސީގެ ތިންވަނަ ގޯލާއެކު އެންމެން ހައިރާންކޮށްލާފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޕެޑްރޯ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޕީއެސްޖީގެ ގޯލްކީޕަރ ޖިއާންލުއިޖީ ޑޮނަރުއްމާގެ ބޯމަތިން ހިއްލާލުމަށްފަހުއެވެ.
COLE. PALMER. STRIKES. 💥
— DAZN Football (@DAZNFootball) July 13, 2025
CHELSEA ARE IN FRONT! 🏆🔵
Into the bottom corner like a cold-blooded finisher 🔵🔥
Catch the @FIFACWC Final | July 13 | Free | https://t.co/i0K4eUtwwb | #FIFACWC #TakeItToTheWorld #CHEPSG pic.twitter.com/EmJzPAPlCJ
ފަހު ހާފު ޗެލްސީއިން ފެށީ، ބޮޑަށް ފަހަތުގައި މަޑުކޮށްގެން ކައުންޓަރއެޓޭކުކުރާ ގޮތަށެވެ. ނަމަވެސް ޖާގަ ލިބެން ފެށުމާއެކު ޗެލްސީއިން ކުރިޔަށްޖެހި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް އުފައްދާފައިވެއެވެ. އެގޮތުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލިއާމް ޑިލެޕްގެ ނުރައްކާތެރި ދެ ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާ ހުއްޓުވީ ޕީއެސްޖީގެ ހުޝިޔާރު ކީޕަރު ޑޮނަރުއްމާއެވެ.
މެޗުގެ ނަތީޖާ ބަދަލުކުރުމަށް، ލުއިޒް އެންރީކޭ ވެސް ވަނީ ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ވިޝާ ވަރަޝޭލިއާގެ ބަދަލުގައި ބްރެޑްލީ ބާރކޯލާ ކުޅެން ނެރުމާއި އަދި ޑެޒީރޭ ޑޫއޭގެ ބަދަލުގައި ގޮންޗާލޯ ރާމޯސް ކުޅެން ނެރުން ހިމެނެއެވެ.
މި ބަދަލުތަކާއެކު ނަތީޖާ ބަދަލުނުކުރެވި އުޅެނިކޮށް ޕީއެސްޖީއަށް އިތުރު ގޮންޖެހުމަކާ ކުރިމަތިވިއެވެ. އެއީ ޒުއާނއޯ މެންޑޭޒް، ޗެލްސީގެ ޑިފެންޑަރ މާރކް ކުކުރޭލާގެ އިސްތަށިގަނޑަށް ދެމުމުން އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމެވެ. މި ކާޑާއެކު، މެޗުގެ ފަހު 5 މިނެޓާއި އިތުރު ވަގުތުގެ 5 މިނެޓު ޕީއެސްޖީއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މުޅި މެޗަށް ބަލާއިރު، އެޓޭކިންގައި ޕާރމާ ތަފާތު ދައްކައި މޮޅު ކުޅުމެއް ކުޅެފައިވާއިރު، އިދިކޮޅު ޓީމުގެ ހަމަލާތައް މަތަކުރުމަށް ޗެލްސީގެ ގޮލްކީޕަރ ރޮބާޓް ސަންޖޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
CHELSEA ARE THE NEW CLUB WORLD CUP CHAMPIONS 🏆
— DAZN Football (@DAZNFootball) July 13, 2025
GLOBAL HOME OF FOOTBALL | Live All Summer Long | https://t.co/i0K4eUtwwb | #FIFACWC #TakeItToTheWorld #CHEPSG pic.twitter.com/NSYmBHX5hE
މި ފަހަރުގެ މުބާރާތަކީ، މުބާރާތަށް ގެނައި ބަދަލުތަކަކާއެކު، 32 ޓީމު ހިމަނައިގެން ކުޅުނު ފުރަތަމަ މުބާރާތެވެ.
މި ތައްޓާއެކު ކުރިޔަށް އޮތް ހަތަރު އަހަރު ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންސް ބެޖު ޗެލްސީގެ ޖާރޒީގައި ބޭނުންކުރެވޭނެއެވެ.