Ads by Stelco

ޚަބަރު

ޙައްޖަށް ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލީސް

ޙައްޖަށް ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލީސް

ފަތުވާ މަޖިލީސް ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖުލައި 2025، 02:29

13 ޖުލައި 2025، 02:29

ޙައްޖަށް ދިއުމަށް ޢާންމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (އެމް.އެޗް.ސީ) އަށް ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމަވައިފިއެވެ. ފަތުވާ މަޖިލީހުން މިގޮތަށް ފަތުވާއެއް ނެރުއްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭގޮތުން ހުށައެޅުނު މައްސަލައަކާ ގުޅިގެންނެވެ.

ނިމުނު ހަފުތާގެ އަންގާރަ ދުވަހު ނެރުއްވި މި ފަތުވާގައި ވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލާގައި ޙައްޖު ކޯޕަރޭޝަނުން ދެއްވި މަޢުލޫމާތަކަށް ރިޔާއަތްކުރައްވައި، އިސްލާމީ ފަތުވާދޭ މަޖިލީހުގެ މެންބަރުން ނިންމަވާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ އެ ކުންފުނިން ކަމަށެވެ.

ޙައްޖަށް ދިއުމަށް ގަސްތުކޮށް، ގިނަ ބަޔަކު ދަނީ ޙައްޖު އެކައުންޓުތަކަށް ފައިސާ ޖަމާކުރަމުންނެވެ. އެ އިރެއްގައި ކަނޑައަޅާފައިވާ ޙައްޖުގެ އަގުގެ %75 އިންސައްތަ ދެއްކުމުން ޙައްޖަށް ދިއުމުގެ ޖާގަ ކިއުއިން ރިޒާވްކޮށް ލިސްޓުގައި ހިމެނޭނެއެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިވަގުތު 11,000 އަށްވުރެ ގިނަ މީހުން ޙައްޖު ކިއުގައި ތިއްބެވެ. ޙައްޖަށް ދިއުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ 69,965 ރުފިޔާއެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މުދަލުގެ ނިޞާބު ހަމަވެފައިވާ މީހާ މުދަލު ޒަކާތް ނެރުމަކީ، ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. މުދަލުޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން