ކުޅިވަރު
ކްލަބް ވޯލްޑް ކަޕަކީ ކްލަބް ލެވެލްގައި މިހާރު ކުޅޭ އެންމެ މަޤުބޫލު މުބާރާތް: ފީފާގެ ރައީސް

ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯ، ފޮޓޯ: ގެޓީ އިމޭޖަސް
ބަދަލުތަކަކާއެކު މި އަހަރުގެ ކްލަބް ވޯލްޑް ކަޕް ނިމުމަކާ ހިސާބަށް އައިސްފައިވާއިރު، މިއީ ކްލަބުތަކުގެ މެދުގައި މިހާރު ކުޅޭ އެންމެ މަޤުބޫލު ފުޓުބޯޅަ މުބާރާތުގެ ގޮތުގައި ޤަބޫލުކުރާކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯ ބުނެފިއެވެ.
ފީފާގެ ރައީސްކަމުގައި 9 ވަނަ އަހަރު ގުނަމުންދާ އިންފެންޓީނޯ ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުން ވަނީ 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އެއީ މެޗަކަށް ގާތްގަނޑަކަށް 33 މިލިއަން ޑޮލަރެވެ.
އެހެންކަމުން މިއީ ކާމިޔާބު މުބާރާތެއް ކަމާއި، އަދި މި ފެށުނީ ފުޓުބޯޅައިގެ ރަންޒަމާން ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އިންފެންޓީނޯ މިހެން ބުނެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން، ކުރީގެ ލިވަޕޫލް ކޯޗު، ޔާގެން ކްލޮޕް ވަނީ މި މުބާރާތަށް ގެނައި ބަދަލުތަކަށް ފާޑު ކިޔާފައެވެ. އެ ގޮތުން ސީޒަން ނިމޭތަނަށް 32 ޓީމާއެކު މި މުބާރާތް ކުޅެން ނިންމުމަކީ، މިހާތަނަށް ފުޓުބޯޅައިގައި ނިންމި އެންމެ ކަމުނުދާ ނިންމުންކަމަށް ކްލޮޕް ވަނީ ސިފަކޮށްފައެވެ.
ބޭރުގެ މީޑިއާތައް ބުނާގޮތުން މި މުބާރާތުގެ ގިނަ މެޗުތަކަށް މާ ގިނަ ކުޅިބެލުންތެރިން ވަދެފައެއް ނުވެއެވެ. އަދި މުޅި މުބާރާތަށް ބަލާނަމަ، މިލިއަނެއްހާ ގޮނޑި ނުވިކޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޖޫޑް ބެލިންގްހަމް، ރީސް ޖޭމްސް އަދި އެންޒޯ ފެނާންޑޭޒް ވަނީ އެމެރިކާގެ މޫސުމާއި ދަނޑުތަކުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން ޗެލްސީގެ އެންޒޯ ބުނީ، ޖައްވުގެ ހޫނުކަން ނުރައްކާވާ މިންވަރަށް ހުންނަކަމަށެވެ. އަދި އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، ހޫނުގެ ސަބަބުން އާދައިގެ ޕްރެކްޓިސް ސެސަނެއް ވެސް ނުބޭއްވޭކަމަށެވެ.
މިރޭ އޮންނަ މުބާރާތުގެ ފައިނަލުގެ ކުރިން ޓްރަމްޕް ޓަވާރގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އިންފެންޓީނޯ ބުނީ، މުބާރާތަކީ ކާމިޔާބު މުބާރާތެއްކަމަށް ޤަބޫލުކުރެވޭނެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މުބާރާތުގައި ގިނަ ކަންކަން ރަގަޅުއިރު، ރަގަޅުކުރަން ޖެހޭ މަދު ކަންކަން ހުރިކަން ވެސް އޭނާ ފާހަގަކުރިއެވެ.
އިންފެންޓީނޯ އިތުރަށް ބުނީ މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން މެޗުތައް ބަލަން ސްޓޭޑިއަމްތަކަށް ވަދެފައިވާކަމަށާއި، އެއީ މެޗަކަށް ގާތްގަނޑަކަށް 40،000 ކުޅިބެލުންތެރިން ކަމަށެވެ. އަދި މިއީ އިންގިރޭސި ޕްރިމިއަރ ލީގަށްފަހު އެންމެ ގިނަ ކުޅިބެލުންތެރިން ރެކޯޑު ކުރެވިފައިވާ އަދަދުކަމަށެވެ.
އަދި މިއީ ލިބުނު އާމްދަނީއާ އެހެން ހުރިހާ ގޮތަކުން ބަލާއިރު ވެސް، ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ކާމިޔާބު މުބާރާތްކަމަށް އިންފެންޓީނޯ ފާހަގަކުރިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ޕީއެސްޖީއެވެ.