ކުޅިވަރު

ދިވެހި ފުޓުބޯޅަ ޓީމަށް ފީފާ ރޭންކިންގައި 7 ދަރަޖައިގެ ވެއްޓުމެއް

ދިވެހި ފުޓުބޯޅަ ޓީމަށް ފީފާ ރޭންކިންގައި 7 ދަރަޖައިގެ ވެއްޓުމެއް

މިދިޔަ މަހު ރާއްޖެއާ ޓީމޯ ލެސްޓޭއާ ކުޅުނު މެޗުގެ ތެރެއިން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޖުލައި 2025، 08:37

13 ޖުލައި 2025، 08:37

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން މަހަކު އެއްފަހަރު ނެރޭ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖޭގެ ފިރިހެން ޤައުމީ ފުޓުބޯޅަ ޓީމު 7 ދަރަޖަ ފަހަތަށް ސޮއްސާލައިފިއެވެ.

މިދިޔަ މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 164 ވަނައިގައެވެ. ނަމަވެސް މި މަހު ނެރުނު ރޭންކިންގައި ދިވެހި ޓީމު ފަހަތަށް ގޮސްފައި ވުމުން، މިހާރުގެ ރޭންކިންއަކީ 171 އެވެ.

ރާއްޖޭގެ ރޭންކިން ދަށަށް މި ދިޔައީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ.  

އެގޮތުން އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއަށް ގެއްލުނީ 3-1 އިންނެވެ. އަދި އެއަށްފަހު އޮސްޓްރޭލިއާގައި ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-0 އިންނެވެ. އޭރު ޓީމޯ ލެސްޓޭ އޮތީ ފީފާ ރޭންކިންގައި 30 ދަރަޖަ ފަހަތުގައި، 197 ވަނައިގައެވެ. ނަމަވެސް އެ ކާމިޔާބަށްފަހު އެ ޓީމަށް ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. 

ފީފާ ރޭންކިންގައި ރާއްޖެ އެންމެ ދަށްކޮށް ރޭންކްކުރީ، 1997 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އެއީ ދުނިޔޭގެ 183 ވަނައިގައެވެ. މީގެ ފަހުން2016 ވަނަ އަހަރުގެ އޮގަސްޓް މަހު ނެރުނު ރޭންކިންގައި ވެސް ރާއްޖެ ރޭންކޮށްފައި އޮތީ ވަރަށް ފަހަތުގައެވެ. އެއީ 174 ގައެވެ.

ފީފާ ރޭންކިންގައި ރާއްޖޭގެ އެންމެ ރަނގަޅު ރެކޯޑަކީ، ޖުލައި، 2006 ގައި ދުނިޔޭގެ 124 ވަނަ އަށް އެރުމެވެ.

ސާފް ސަރަޙައްދަށް ބަލާއިރު، އަދިވެސް ދެ ވަނައަށް ރޭންކިން އެންމެ ރަނގަޅީ ރާއްޖެއެވެ. އިންޑިއާ ހަ ދަރަޖަ ދަށަށް ގޮސް 133 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 171 ގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން