ކުޅިވަރު
ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެޗްޑީސީއިން ހޯދައިފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލް---
ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކްލަބް އެޗްޑީސީއިން ހޯދައިފިއެވެ.
އެ ކްލަބު ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ރޭ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު 3-1 ސެޓުން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މި ސީޒަންގައި ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ދަނޑިމަގުންނެވެ. އެ ކްލަބުން ފުރަތަމަ ސެޓު ގެންދިޔައީ 25-23 ޕޮއިންޓުންނެވެ.
ނަމަވެސް އެ ސެޓަށް ފަހު ދުލެއް ނުދީ، އެޗްޑީސީއިން ވަނީ ދެން ކުޅު 3 ސެޓު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ސެޓު 25-16 ޕޮއިންޓުން ކާމިޔާބުކުރިއިރު، ތިން ވަނަ ސެޓު ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. އަދި މެޗުގެ ފަހު ސެޓު ކާމިޔާބުކުރީ 23-25 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)އެވެ.
މުބާރާތުގެ ފައިނަލުގައި އެޗްޑީސީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ޤައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.
ތިންވަނަ ސެމީ ފައިނަލްގައި އެޗްޑީސީ އަތުން ބަލިވި ދަނޑިމަގަށް ވަނީ ޤައުމީ މުބާރާތުގެ ތިންވަނަ ލިބިފައެވެ.