ކުޅިވަރު

އަންނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ ކުރިން ވާދަވެރި ލީގެއްގައި ކުޅެން މެސީ ބޭނުންވޭ

އަންނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ ކުރިން ވާދަވެރި ލީގެއްގައި ކުޅެން މެސީ ބޭނުންވޭ

ލިއޮނެލް މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2025، 08:47

01 ޖުލައި 2025، 08:47

މިއަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ވާދަވެރި ލީގެއްގައި ކުޅެން ބޭނުންވާކަމަށް ލިއޮނެލް މެސީއާ ހަވާލާދީ، އޭނާގެ ޚަބަރުތައް ގެނަސްދޭ ނޫސްވެރިއެއް ކަމުގައިވާ އެސްޓެބޭން އެޑުލް ބުނެފިއެވެ. 

މީގެ ދެ އަހަރުކުރިން، 2023 ގައި އިންޓަރ މަޔާމީއާއެކު މެސީ ހެދި އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އަދި އިތުރު އަހަރަކަށް އެ އެއްބަސްވުން ދަންމާލުމުގެ މާއްދާތަކެއް ވެސް އެ އެއްބަސްވުމުގައި ވެއެވެ. ނަމަވެސް މެސީ އާއި ކްލަބާއި ދެމެދު އެކަމާ ގުޅޭ ރަސްމީ މަޝްވަރާތައް އަދި ފަށާފައެއްނުވެއެވެ. 

ނޫސްވެރިޔާ އެޑުލް އިތުރަށް ބުނީ، އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް އާޖެންޓީނާއާއެކު މެސީ ނިކުތުމުގެ ކުރިން، ވާދަވެރި ލީގެއްގައި ކުޅުމަށް އޭނާ ބޭނުންވެއެވެ. އެހެންކަމުން މަޔާމީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް މި ވަގުތަށް މަޑުޖައްސާލާފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް، ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ނިޔަލަށް މެސީއާއެކު އިންޓަ މަޔާމީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެކަމުގައި ވިޔަސް، ހަޤީޤަތަކީ ދެ ފަރާތުން ވެސް އެއްބަސްވުން އިތުރުކުރަން ބޭނުންވުމެވެ. 



މީގެ އިތުރުން، މެސީގެ އާއިލާ ވެސް އެމެރިކާގައި ދިރިއުޅެމުންދަނީ ހިތްހަމަޖެހިގެންނެވެ. އެގޮތުން މެސީގެ އަންހެނުން އެންޓޮނެލާ އެމެރިކާގެ ބައެއް ބްރޭންޑުތަކާއެކު މަސައްކަތްކުރަމުންދާއިރު، އެމީހުންގެ ދަރިން އަންނަނީ އެމެރިކާގެ އެކަޑަމީތަކުގައި ފުޓުބޯޅައިގެ ތަމްރީނުތައް ހަދަމުންނެވެ. އެހެންކަމުން މިއީ އެއްބަސްވުން އިތުރުކުރާނެކަމަށް ބެލެވޭ ސަބަބުތަކެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS