ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: ބްރެޒިލްގެ ފްލުމިނެންސޭއިން އިންޓަރ މިލާން ކަޓުވާލައި ކުއާޓާއަށް

ކްލަބް ވޯލްޑް ކަޕް: ބްރެޒިލްގެ ފްލުމިނެންސޭއިން އިންޓަރ މިލާން ކަޓުވާލައި ކުއާޓާއަށް

ޖާރމަން ކަނޯ ފްލުމިނެންސޭއަށް ލީޑު ނަގައިދިނުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2025، 07:31

01 ޖުލައި 2025، 07:31

މިހާރު އެމެރިކާގައި ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލްގެ ފްލުމިނެންސޭ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި އަހަރު ކުޅުނު އިންޓަރ މިލާން 2-0 އިން ބަލިކޮށް، ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ޗާރލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްލުމިނެންސޭއިން ލީޑު ނެގީ 3 ވަނަ މިނެޓުގައެވެ. ފްލުމިނެންސޭގެ ކަނާތްފަރާތުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމަށް މަސައްކަތްކުރި ބޯޅަ އިންޓަރ މިލާންގެ ޑިފެންޑަރެއްގެ ފައިގަ ޖެހިފައި މައްޗަށް އެރުމަށްފަހު، އެ ބޯޅަ ގޮސް ބައުންސްވީ އިންޓަރގެ ޕެނަލްޓީ އޭރިއާގެ ތެރޭގައެވެ. އެ ވަގުތު ފްލުމިނެންސޭގެ ފޯވާޑް، ޖާރމަން ކަނޯ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށްފަހު އެ ޓީމަށް ލީޑު ނަގައިދިނެވެ.

މެޗުގެ ނަތީޖާ އަނބުރާލުމަށް އިންޓަރއިން ގިނަ މަސައްކަތްތަކެއް ކުރިތަން ފެނުނެވެ. އެގޮތުން އެ ޓީމުގެ ލައުޓާރޯ މާޓިނޭޒްގެ ހަމަލާތައް ފާހަގަ ކުރެވުނެވެ. އޭނާގެ އެއް ހަމަލާގެ ހުރަހަކަށް ގޯލުގެ ދަނޑިވިއިރު، ފްލުމިނެންސޭގެ އުމުރުން 44 އަހަރުގެ ގޯލްކީޕަރު ފެބިއޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ މުހިންމު ހަތަރު ސޭވްއެއް ކޮށްފައިވެއެވެ. 

ފްލުމިނެންސޭއިން ލީޑު ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ ހާކިއުލެސްއެވެ.

މި ނަތީޖާއާއެކު ބްރެޒިލްގެ ދެ ޓީމެއް މިވަނީ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާއަށް ދެން ދަތުރުކުރި ބްރެޒިލް ޓީމަކީ ޕަލްމެއިރާސްއެވެ. 

ކުއާޓާގައި ފްލުމިނޭންސޭ ބައްދަލުކުރަން ޖެހޭނީ މެންޗެސްޓަރ ސިޓީ އާއި އަލް ހިލާލް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS