ކުޅިވަރު

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް: ރޭންކިން މާ މަތީގައި އޮތް ވިއެޓްނާމުން ރާއްޖެ ބަލިކޮށްފި

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް: ރޭންކިން މާ މަތީގައި އޮތް ވިއެޓްނާމުން ރާއްޖެ ބަލިކޮށްފި

އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގައި ރާއްޖެ އާއި ވިއެޓްނާމް ބައްދަލުކުރި މެޗު---

30 ޖޫން 2025، 08:49

އަންނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެއަށް ވުރެ ވޯލްޑް ރޭންކިން 126 ދަރަޖަ މަތީގައި އޮތް ވިއެޓްނާމުން، ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ބަލިކޮށްފިއެވެ.

އަންހެނުންގެ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ ވިއެޓްނާމްއަކީ އަންހެން ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ 37 ވަނައިގައި އޮތް ޓީމެކެވެ. ރާއްޖެ އޮތީ ރޭންކިންގެ 163 ވަނައިގައެވެ.

ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން އިއްޔެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމު އަތުން ބަލިވީ 7-0 އިންނެވެ.

ވިއެޓްނާމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރާއްޖެކޮޅަށް 6 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފަހު ހާފުގައި ރާއްޖޭގެ ޑިފެންސް ލައިނުން ފެނުނީ ކުރިއަށްވުރެ ބުރަކޮށް މަސައްކަތްކުރިތަނެވެ. ނަތީޖާއަކަށްވީ އެ ހާފުގައި ރާއްޖޭގެ ކޮޅަށް ވިއެޓްނާމަށް ގިނަ ގޯލުތަކެއް ކާމިޔާބު ނުކުރެވުމެވެ. އެ ހާފުގައި ވިއެޓްނާމަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. 

މި މެޗަކީ ޤައުމީ އަންހެން ފުޓްބޯޅަ ޓީމާ އަލުން ހަވާލުވި ކޯޗު، މުހައްމަދު އާތިފް (އާތީ)، މި ފަހަރު ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އާތީ އެންމެ ފަހުން ޤައުމީ އަންހެން ޓީމުގައި ހުރީ 2019 ވަނަ އަހަރެވެ. އޭރު އޭޝިއަން ގޭމްސްގައި ޤައުމީ އަންހެން ޓީމުން ނަތީޖާތަށް ރަނގަޅުކުރިއިރު، ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ ހޯދިއެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ވިއެޓްނާމް އާއި ރާއްޖޭގެ އިތުރުން، ގުއާމް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އެވެ. މި ގްރޫޕްގައި ގުއާމް އާއި ޔޫއޭއީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެނެވެ.

އާސިއާން ގައުމުތަކުގެ އަންހެން މުބާރާތް ތިން ފަހަރު އަދި، އާސިއާންގެ ގޭމްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް އަށް ފަހަރު ހޯދާފައިވާ ވިއެޓްނާމްއާ ދެކޮޅަށް އެންމެ ފަހުން ބޭއްވި އޭޝިއަން ވިމެންސް ކަޕް ކޮލިފައިންގައި ވެސް ރާއްޖޭން ކުޅެން ޖެހުނެވެ. އެގޮތުން، 2022 ވަނަ އަހަރު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 16-0 އިންނެވެ.

އެންމެ ފަހުން ބޭއްވި ވިމެންސް ވޯލްޑް ކަޕްގައި ވިއެޓްނާމުން ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން އެ ޓީމު ވަނީ ބަލިވެފައެވެ. އެ މުބާރާތުގައި، އެމެރިކާ އަތުން 3-0 އިން، ޕޯޗުގަލް އަތުން 2-0 އިން ބަލިވިއިރު، ނެދަލެންޑްސްގެ އަތްދަށުވީ 7-0 އިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS