ކުޅިވަރު

ބޮޑު ތަފާތަކުން ސަޢޫދީ ބަލިކޮށް ރާއްޖޭގެ ޓީމުން މިހާތަނަށް ސައްތައިން ސައްތަ ރެކޯޑެއް

ބޮޑު ތަފާތަކުން ސަޢޫދީ ބަލިކޮށް ރާއްޖޭގެ ޓީމުން މިހާތަނަށް ސައްތައިން ސައްތަ ރެކޯޑެއް

ރާއްޖޭގެ ނެޓްބޯޅަ ޓީމު، ފޮޓޯ: ނެޓްބޯޅަ އެސޯސިއޭޝަން

30 ޖޫން 2025، 07:10

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު ކުޅުނު ތިން ވަނަ މެޗުގައި ބޮޑު ތަފާތަކުން ސަޢޫދީ ޢަރަބިއްޔާ ބަލިކޮށްފިއެވެ. މިއީ ރާއްޖޭގެ ޓީމުން މި މުބާރާތުގައި ކާމިޔާބުކުރި ތިން ވަނަ މެޗެވެ.

ރާއްޖޭގެ ޒުވާން ޓީމުގެ ފަރާތުން މި މެޗުގައި ވެސް ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ކާމިޔާބުކުރީ 72-20 ޕޮއިންޓުންނެވެ. މިއީ މި މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ރާއްޖޭގެ ޓީމުން ނެރުނު މެޗެވެ. 

ރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޗައިނީޒް ޓައިޕޭ ބަލިކުރީ 25 ޕޮއިންޓުގެ ފަރަގަކުން، 51-26 ޕޮއިންޓުންނެވެ. އަދި އެއަށްފަހު ޖަޕާނު މެޗު ކާމިޔާބުކުރީ 27 ޕޮއިންޓުގެ ފަރަގަކުން، 59-32 ޕޮއިންޓުންނެވެ. އަދި އެންމެ ފަހުން ސަޢޫދި ބަލިކޮށްފައި މިވަނީ 52 ޕޮއިންޓުގެ ފަރަގަކުންނެވެ.

މި މުބާރާތުގައި މިއަދު ރާއްޖޭގެ ޓީމުން ނިކުންނާނީ ސައުތު ކޮރެއާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަޑިން މެންދުރުފަހު 2 ޖަހާއިރެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މި މުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނީ 2023 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއެވެ. އަދި އެ މުބާރާތް ވެސް ކުޅެފައިވަނީ ދެކުނު ކޮރެއާގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS