ކުޅިވަރު
ކްލަބް ވޯލްޑް ކަޕް: ތޫފާނާ ގުޅިގެން ނަތީޖާއަށް ތޫފާނެއް ގެނުވިޔަސް، ޗެލްސީ ކުއާޓާއަށް

ގޯލު ކާމިޔާބު ކުރުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
އެމެރިކާގައި ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް، ތޫފާނަކާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނު ނަމަވަސް، ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީއިން ހޯދައިފިއެވެ.
ނޯރތު ކެރޮލީނާގެ ޗާރލޮޓުގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި 25 ހާހަށްވުރެ ގިނަ ކުޅިބެލުންތެރިންގެ ކުރިމަތީގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބުކުރީ 4-1 އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރީސް ޖޭމްސްއެވެ.
މިއީ މެޗުގައި ތަފާތު ގެނުވި ގޯލުކަމަށް ނިންމައިގެން ތިއްބައި، މެޗު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް މޫސުން ގޯސްވެ ތޫފާނަކަށް ބަދަލުވުމާ ގުޅިގެން، މެޗު މެދުކަނޑާލައި ކުޅުންތެރިން ދަނޑުން ބޭލިއެވެ. މޫސުން އަމާންވުމުން މެޗުގެ ބާކީ އޮތްބައި ކުޅެން ފެށީ، ކުޅުން މެދުކަނޑާލިތާ ދެ ގަޑިއެއްހާއިރު ފަހުންނެވެ.
އެ ތޫފާންވީ ބެންފީކާއަށް ނަސީބަކަށެވެ. މެޗުގެ ކުޅުން އަނބުރާ ފެށިގެން ބެންފީކާއިން ފުރަތަމަ ފޮނުވާލި ހަމަލާ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެންފީކާއަށް ފަހު މެޗު ކުޅެން ނިކުމެހުރި އޭންގެލް ޑި މާރިއާއެވެ.
މީގެ އިތުރުން، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓާއި ހަވަނަ މިނެޓުގައި ޖިއާންލޫކާ ޕްރެސްޓިއޭނީއަށް ދެއްކި ދެ ރީނދޫ ކާޑާއެކު އިތުރު ވަގުތުގެ ދެ ހާފު ބެންފީކާއަށް ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅޭށެވެ.
މީގެ ބޭނުން ހިފައި، އިތުރު ވަގުތުގައި ޗެލްސީއިން 3 ގޯލު ކާމިޔާބުކުރިއެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރިސްޓޮފާ އެންކުންކޫގެ ގޯލަކުން ލީޑު ނެގިއިރު، ފަހު ހާފުގައި ޕެޑްރޯ ނޭޓޯ އާއި ކިއާރނަން ޑިއުސްބަރީ-ހޯލް ކާމިޔާބުކުރި ގޯލުތަކާއެކު މެޗު ނިމުނީ 4-1 އިން ޗެލްސީ މޮޅުވެގެންނެވެ.
މުބާރާތުގެ ކުއާޓާގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ ބްރެޒިލްގެ ޕަލްމެއިރާސްއާއެވެ. މި މެޗު ކުޅޭނީ ހުކުރު ދުވަހެވެ.