ކުޅިވަރު

އެފްއޭއެމްގެ މަގާމުތަކަށް ހުޅުވާލި ނަމަވެސް ބައްސާމަށް އެ ފުރުސަތެއް ނެތް

އެފްއޭއެމްގެ މަގާމުތަކަށް ހުޅުވާލި ނަމަވެސް ބައްސާމަށް އެ ފުރުސަތެއް ނެތް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް---

29 ޖޫން 2025، 07:39

އަންނަ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރުމަށް އިއްޔެ ހުޅުވާލާފައިވީ ނަމަވެސް، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަކަށް ނެތެވެ.

މި އިންތިހާބުގައި ބައްސާމަށް ވާދަނުކުރެވޭ އެއް ސަބަބަކީ، ނަޒާހަތްތެރިކަމާއި ގުޅޭ އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅުއަޅާފައިވާ މީހަކަށް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވުމެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ވަނީ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، 9 މަސްދުވަހަށް ބައްސާމް ސަސްޕެންޑުކޮށްފައެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި މައްސަލައިގައެވެ.

އިންތިހާބުގައި ބައްސާމަށް ވާދަނުކުރެވޭ ދެވަނަ ސަބަބަކީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގަމުން އައުމެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ މައްޗަށް ޖިނާއީ އެއްވެސް ދައުވާއެއް އުފުލާފައިވާނަމަ، އެކަމުގެ ތަފްސީލު ހުށަހަޅަންޖެހޭނެކަމަށް އެފްއޭއެމްއިން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. 

ބައްސާމްއަށް އިންތިހާބުގައި ވާދަކުރުމަށް އޮތް އަނެއް ހުރަހަކީ، ފާއިތުވި ދެ އަހަރު ދުވަހު ފުޓުބޯޅައިގެ ހަރާކާތުގައި އުޅުނުކަން ސާބިތުކޮށްދޭން ޖެހުމެވެ. މީގެ އިތުރުން މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހުމަކީ ވެސް ބައްސާމަށް އޮތް ގޮންޖެހުމެކެވެ. 

މިވަގުތު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުގެ ތާއީދު ބައްސާމަށް ވަނީ ގެއްލިފައެވެ. މީގެ ކުރިން ބައްސާމަށް ތާއީދުކުރި ބައެއް ކުލަބުތަކުން ވަނީ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އަޙުމަދު ޠާރިޤު (ޓޮމް)އަށް ތާއީދު ކުރަން ނިންމާފައެވެ.

އެފްއޭއެމް ހިންގުމަށް ބޭރުގެ ފަރާތްތަކުން ދިން ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލައިގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް މިހާރު އަންނަނީ ޖިނާއީ ތަހުޤީޤެއް ހިންގަމުންނެވެ. މީގެ ތެރޭފައި ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަތަކެއް ވެސް ހިމެނެއެވެ. 

އަދި އެފްއޭއެމްއިން ކްލަބުތަކަށް ދެމުންގެންދާ ސަބްސިޑީތައް ކުލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަހުޤީޤު ވެސް ކުރިއަށްދާކަން ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ. 

މީގެއިތުރުން، ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ލޯނުގެ ގޮތުގައި ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން  އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވާފައިވެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އަމީން އެވެނިއުއިން ބައްސާމު ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ.

ޕީޖީ އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދިހަހާސް ޑޮލަރު ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018ގައި ޖަމާކޮށްފައިވެއެވެ. 

މި މައްސަލައިގެ ރައްދުގައި ބައްސާމް ބުނީ، އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމްއަށް ލިބިފައި ނުވާކަމަށް ތަޙުޤީޤުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލަތަކުގެ ތެރެއިން ބައްސާމްގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވެއްޖެނަމަ، އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސްއަހަރާ ފަނަރައަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS