ކުޅިވަރު

އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުކުރު ދުވަހު އޮތް އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް، ފޮޓޯ: މިހާރު

29 ޖޫން 2025، 06:29

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. 

އަންނަ ޖުލައި މަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 6ގެ ނިޔަލަށެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ބާއްވާ މި އިންތިހާބަށް ފޯމު ހުށަހެޅޭނީ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތުންނެވެ. އެގޮތުން އެ ފަރާތުން ހުށަހަޅާ ކޮމެޓީގައި ދެ ނައިބު ރައީސުންނާއި ހިންގާ ކޮމެޓީގެ އާންމު ހަތް މެންބަރުންގެ ލިސްޓެއް ހުށަހަޅަން ޖެހޭނެއެވެ. އަދި މިހާރުގެ ޤަވާއިދު ބުނާ ގޮތުން ހިންގާ ކޮމެޓީގައި މަދުވެގެން ދެ އަންހެން މެންބަރުން ވެސް ތިއްބަވަން ޖެހެއެވެ.

އިންތިހާބުގައި ހިންގާ ކޮމެޓީއަށް މެންބަރުން ހޮވާނެ ގޮތް:

  • ރައީސް
  • ފުރަތަމަ ނައިބު ރައީސް
  • ދެވަނަ ނައިބު ރައީސް
  • ހިންގާ ކޮމެޓީގެ އާންމު 7 މެންބަރުން

އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވާނީ 2025 ޖުލައިން ފެށިގެން 2029 ޖުލައިގެ ނިޔަލަށެވެ.

ހިންގާ ކޮމެޓީއަށް ކުރިމަތިލާ ފޯމު ހުށަހެޅުމަށް އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ފަސް ކްލަބެއްގެ ތާއީދު ސިޓީ ވެސް ބޭނުންވެއެވެ. އަދި އެ ފަސް ކްލަބްގެ ތެރެއިން މަދުވެގެން ދެ ކްލަބަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށްވުން ލާޒިމެވެ. 

އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި މިދިޔަ ހުކުރު ދުވަހު ފާސްކުރި އަސާސީ ޤަވާއިދުގައި ވަނީ އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު 10އަށް މަތިކޮށް އަދި ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 13އަށް މަތިކޮށްފައެވެ.

އިންތިހާބު ކުރިއަށްގެންދާނީ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުންނެވެ. އެ ކޮމިޓީއަށް ފީފާއިން ދީފައިވާ އެއް އަހަރުގެ ދައުރު މި އަންނަ މަހުގެ ނިޔަލަށް ހަމަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS