Ads by Stelco

ޚަބަރު

ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅުތަކަށް ފުޅާކުރުމަށް މަސައްކަތްކުރަނީ

ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅުތަކަށް ފުޅާކުރުމަށް މަސައްކަތްކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު---

farudhun logo

ފަރުދުން

27 ޖޫން 2025، 10:33

27 ޖޫން 2025، 10:33

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ.އަތޮޅާއި ހދ. އަތޮޅާއި، ށ.އަތޮޅާއި، ތ.އަތޮޅު އަދި ލ.އަތޮޅާއި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯސަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ،  ފަތުރުވެރިކަމަށް އެކަށީގެންވާ މިންވަރަށް ފުޅާވެފައިނުވާ ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާކުރާނީ ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ދެވެން އޮތް އެކި ލުއިތައް ދިނުމާއި އެކި ޢިނާޔާތްތައް ދިނުމުގެ އިތުރުން އެސަރަޙައްދުތަކުގައި ފަތުރުވެރިކަން ގެނައުމަށް ބޭނުންވާ ޢުމްރާނީ އެކި ތަރައްޤީތައް ގެނައުމުގެ މަސައްކަތުގެ އިތުރުން އިންވެސްޓަރުން ޝައުގުވެރިވާނެހެން މާކެޓިންގ އުކުޅުތައް ބޭނުންކުރައްވައިގެން ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީވަމުންދާ އެއަރޕޯޓުތަކާއެކު، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފުޅާވެފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ޙަރުފަތަކަށް ގެންދިޔުމަށް އެންމެ މުނާސަބު ވަގުތުކަމަށެވެ. އިންވެސްޓުމަންޓުތަކާއި އަދި މިކަމުގެ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS