Ads by Stelco

ޚަބަރު

އައު ޓާރމިނަލް އެންމެ ފުރަތަމަ ހުޅުވާލާނީ މޯލްޑިވިއަންގެ ދަތުރުތަކަށް

އައު ޓާރމިނަލް އެންމެ ފުރަތަމަ ހުޅުވާލާނީ މޯލްޑިވިއަންގެ ދަތުރުތަކަށް

ރައީސުލްޖުމްހޫރިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލަށް ޒިޔާރާތްކުރެއްވުން، 18 މާރިޗު 2025، ފޮޓޯ: ރައީސް އޮފީސް

27 ޖޫން 2025، 05:04

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ އައު ޓާރމިނަލް އެންމެ ފުރަތަމަ ހުޅުވާލާނީ މޯލްޑިވިއަންގެ ދަތުރުތަކަށްކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ މިނިވަން ދުވަސްކަމުގައިވާ ޖުލައި 26ގައި އައު ޓާމިނަލްގައި މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފެށުމަށްފަހު، ޓާރމިނަލް އެއްކޮށް ހުޅުވާލާނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް، ޚާއްސަ ކޮންސަލްޓަންޓެއްގެ އިރުޝާދާ އެހިތެރިކަމާއެކުކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީޑިއާތަކާއެކު ގުޅުން ބަދަހިކުރުމަށް މި މަހުގެ 22ވަނަ ދުވަހުގެ ރޭ، ވީއައިއޭގައި ބޭއްވި އިވެންޓެއްގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް އަޙުމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ އިސްކަމުގެ ތެރެއިން، އައު ޕެސެންޖަރ ޓަރމިނަލް އެންމެ ފުރަތަމަ ހުޅުވާލާނީ މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކުގެ ފަސެންޖަރުންނަށެވެ. އެއަށްފަހު މޯލްޑިވިއަންގެ ފްލައިޓްތަކުގެ ތަޖުރިބާއަށް 2 ހަފްތާއެއްހާ މުއްދަތަށް ބަލާނެކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. މިއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއާރލައިނެއް މިހާރު ކަނޑައަޅާފައިވާކަމަށް މިހާދު ވިދާޅުވިއެވެ. ނެރޯ ބޮޑީ ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރާނެއެވެ.

ވައިޑް ބޮޑީ ފްލައިޓްތަކަށް އައު ޓާމިނަލް ހުޅުވާލާނީ، ނެރޯ ބޮޑީ ފްލައިޓުތަކާއެކު ކުރެވޭ ތަޖުރިބާއަށް ބަލައި، ރަގަޅު ކުރަންޖެހޭ ކަންކަން ރަގަޅުކުރުމަށްފަހުއެވެ. އޭގެ ކުރިން ޕެސެންޖަރ މޫވްމެންޓް ބަހައްޓަން ބޭނުންވަނީ 1000ގައި ކަމަށް ވެސް މިހާދު ވަނީ ވިދާޅުވެފައެވެ.

ހުރިހާ ފްލައިޓުތަކަކަށް އައު ޓާރމިނަލް ހުޅުވާލުމަށް ޓާގެޓުކޮށްފައި އޮތީ އައު ސީޒަނަށެވެ. އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެހާތަނަށް ޓަރމިނަލްގެ އެފްއެންބިއާއި ޑިއުޓީ-ފްރީ އެއްކޮށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ތަރައްޤީކޮށް ނިމޭނެކަމަށެވެ. 

ވީއައިއޭގެ އައު ޓަރަމިނަލް ފަށާއިރު މުޅި ސަރަޙައްދަށް ވެސް ބޮޑެތި ބަދަލުތައް ގެންނަންޖެހެއެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓްތަކާއި، ޓުއަރ އޮޕަރޭޓާރުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމާއި، ޕެސެންޖަރުން އެއަރޕޯޓާއި ކަނޑު ދަތުރަށް ފަހިވާގޮތަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން ހިމެނެއެވެ. މި މަސައްކަތްތައް އެމްއޭސީއެލްއިން ދަނީ ކުރިއަށްގެންދަމުންނެވެ.

އައު ޕެސެންޖަރ ޓަރމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ، އެންމެ ޒަމާނީ ޓަރމިނަލްއެކެވެ. މިއީ ޓަރމިނަލަކީ 78000 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS