ކުޅިވަރު
ވީއޭއެމް ކަޕް: އަލަށް ބައިވެރިވި ދަނޑިމަގު ސްޕޯޓްސްއިން ޕޮލިސް ކްލަބް ބަލިކޮށްފި

ވީއޭއެމް ކަޕްގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗު، ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގައި މި އަހަރު އަލަށް ވާދަކުރާ ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޕޮލިސް ކްލަބް ބަލިކޮށްފިއެވެ.
ދަނޑިމަގު ސްޕޯޓްސްއިން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
އެގޮތުން ފުރަތަމަ ދެ ސެޓު އެ ޓީމުން 25-18 އަދި 26-24 ޕޮއިންޓުން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު 21-25 ޕޮއިންޓުން ގެންދިޔައީ ޕޮލިސް ކްލަބެވެ. އަދި ފަހު ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރީ ދަނޑިމަގު ސްޕޯޓްސްއިންނެވެ.
މުބާރާތުގައި ދަނޑިމަގު ސްޕޯޓްސްއިން ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކުރިއިރު، އެ މެޗުން އެ މެޗު ވަނީ 3-0 ސެޓުން ގެއްލިފައެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ސްޕޯޓްސް ސިޓީ ކްލަބާއި ބްލޫޒް ފޯރ ވޮލީ ބޯލް ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބު ސިޓީއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ދެ ސެޓު ސިޓީން ގެންގޮސްފައިވަނީ 32-30 އަދި 25-23 ޕޮއިންޓުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ބްލޫސް ފޯރ ވޮލީބޯލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިޓީން ގެންގޮސްފައިވަނީ 25-18 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ އަރްޔާން ބަލްޔާންއެވެ.
އިއްޔެގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ ދަ ސަދާރން ސްޕޯޓްސް ކްލަބް 3-0 ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބުން ގެންދިޔައީ 25-19، 25-14 އަދި 25-19 ޕޮއިންޓުންނެވެ. ސިފައިންގެ ކްލަބުން އެ ޓީމުގެ ފުރަތަމަ މެޗު ވެސް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.