ކުޅިވަރު

ސިޓީގެ އަސްލު ސިފައިގައި ޔުވެންޓަސް ބަލިކޮށް ދެވަނަ ބުރަށް

ސިޓީގެ އަސްލު ސިފައިގައި ޔުވެންޓަސް ބަލިކޮށް ދެވަނަ ބުރަށް

ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ޑޮކޫ އުފާފާޅުކުރަނީ، ފޮޓޯ: ރޮއިޓާސް

27 ޖޫން 2025، 02:21

އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް މެންޗެސްޓަރ ސިޓީ އެ ޓީމުގެ އަސްލު ސިފައިގައި ފެންނަމުންދާއިރު، ޔުވެންޓަސް ބަލިކޮށް ގްރޫޕް-ޖީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ރޭ ޔުވެންޓަސްއާ ކުޅުނު މެޗު ސިޓީއިން ކާމިޔާބުކުރީ 5-2އިންނެވެ. މިއީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ސިޓީ ކޮޅަށް ގޯލެއް ވަތް ހަމައެކަނި މެޗު ވެސް މެއެވެ. އަދި ގްރޫޕް ސްޓޭޖުގައި މެންޗެސްޓަރ ސިޓީ ނޫން އެހެން ޓީމަކަށް ތިން މެޗު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ސިޓީއަށް ވަނީ 9 ޕޮއިންޓު ލިބިފައެވެ. އަދި ބަލިވި ނަމަވެސް، 6 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ގްރޫޕް-ޖީއިން ގަދަ-16އަށް ދަތުރުކުރީ ޔުވެންޓަސްއެވެ.

މެޗުގެ 9 ވަނަ މިނެޓުގައި ސިޓީގެ ޖެރެމީ ޑޮކޫ ލީޑު ނަގައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޓެއުން ކޫޕްމެއިނާސް ވަނީ ޖުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

އެއަށްފަހު ޔުވެންޓަސްގެ ޑިފެންޑަރު ޕިއެރޭ ކަލޫލޫ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު، ސީޓީއިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެއެވެ. 

ސީޓީއިން ވަނީ ދެވަނަ ހާފުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި އެ ޓީމުގެ ލީޑު ހަތަރު ގޯލަށް ފުޅާކޮށްފައެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ އާރލިން ހާލަންޑު، ފިލް ފޮޑެން އަދި ސެވީނިއޯއެވެ. 

ޔުވެންޓަސްގެ ދެ ވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން 6 މިނެޓަށްވެފައި ވަނިކޮށް އެ ޓީމުގެ ފޯވާޑް ޑޫޒާން ލަހޮވިޗްއެވެ.

މި ނަތީޖާއާ ގުޅިގެން ގަދަ-16ގައި ސިޓީ ބައްދަލުކުރަން ޖެހޭނީ އަލް ހިލާލްއާއެވެ. އަދި ޔުވެންޓަސް ނިކުންނަން ޖެހޭނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS