Ads by Stelco

ޚަބަރު

މާލީ އިސްލާހާ ގުޅޭ ބައިނަލްއަޤުވާމީ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިންއަށް ފުރާވަޑައިގެންފި

މާލީ އިސްލާހާ ގުޅޭ ބައިނަލްއަޤުވާމީ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިންއަށް ފުރާވަޑައިގެންފި

މާލީ އިސްލާހާ ގުޅޭ ބައިނަލްއަޤުވާމީ ކޮންފަރެންސަށް ނައިބު ރައީސް ފުރާވަޑައިގެންނެވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

27 ޖޫން 2025، 11:45

27 ޖޫން 2025، 11:45

ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓުގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ފުރާވަޑައިގެންފިއެވެ.

މިއީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސެވިއްޔާގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. 

އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކޮންފަރަންސްގެ އިފްތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ މަންސަތަކުގައި، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެއެވެ. 

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓުގެ، ކޮންފަރެންސެއް އެންމެފަހުން ބާއްވާފައި ވަނީ 2015 ވަނަ އަހަރެވެ. އެ ކޮންފަރެންސް ކުރިއަށްގެންގޮސްފައި ވަނީ އިތިއޯޕިއާގެ އަޑިސް އަބަބާގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS