ކުޅިވަރު
ވީއޭއެމް ކަޕް: ޗެމްޕިއަންސް އެޗްޑީސީ ފެށީ މޮޅަކުން

ވީއޭއެމް ކަޕްގައި އެޗްޑީސީ އާއި ބުލޫސް ފޯ ވޮލީބޯލް ބައްދަލުކުރި މެޗު، ފޮޓޯ: ޕީއެސްއެމް
ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން، އެޗްޑީސީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިފައިންނާއި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފުވައްމުލަކު ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 25-21، 25-23 އަދި 25-21 ޕޮއިންޓުންނެވެ.
މުބާރާތުގެ ދެވަނަ މެޗު ޗެމްޕިއަންސް އެޗްޑީސީއިން ކާމިޔާބުކުރީ، ބުލޫސް ފޯ ވޮލީބޯލްއާ ވާދަކޮށް 3-0 ސެޓުންނެވެ. މި މެޗުގައި އެންމެ ފޯރިގަދަކޮށް ފެނުނީ ފުރަތަމަ ސެޓެވެ. އެ ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 28-26 ޕޮއިންޓުންނެވެ.
ދެވަނަ ސެޓު އެޗްޑީސީއަށް ލިބުނީ ވަރަށް ފަސޭހަކޮށް، 25-15 ޕޮއިންޓުންނެވެ. އަދި ފަހު ސެޓު އެޗްޑީސީން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ.
ފުރަތަމަ ދުވަހުގެ ތިން ވަނަ މެޗުގައި ބައްދަލުކުރީ ސްޕޯޓްސް ކުލަބު ސިޓީ އާއި ހުރާ ކޮމިއުނިޓީ ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެޗްސީސީއެވެ. މެޗުގެ ސެޓުތައް ހުރާ ކޮމިއުނިޓީ ކުލަބުން ގެންދިޔައީ 25-11، 25-17 އަދި 25-21 ޕޮއިންޓުންނެވެ.
ވީއޭއެމް ކަޕުގައި އަށް ޓީމަކުން މި އަހަރު ވާދަކުރެއެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް-އޭގައި ހިމެނެނީ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ އަދި ބުލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް-ބީގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބު، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ޕޮލިސް ކުލަބު އަދި ދަ ސަދާން ސްޕޯޓްސް ކުލަބެވެ.