Ads by Stelco

ޚަބަރު

ކަނޑުމަތީގެ ހާދިސާގައި ނިޔާވި އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބާއްވައިފި

ކަނޑުމަތީގެ ހާދިސާގައި ނިޔާވި އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބާއްވައިފި

ކަނޑުމަތީގެ ހާދިސާގައި ނިޔާވި އޮފިސަރުގެ ޖަނާޒާ، ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

26 ޖޫން 2025، 09:07

26 ޖޫން 2025، 09:07

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 އަލީ ހާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.

މި ޖަނާޒާ ބާއްވާފައި ވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ.

މި ޖަނާޒާގައި ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން އާއިލާއާ ބައްދަލު ކުރައްވައި ތައުޒިޔާ ދަންނަވާފައިވެއެވެ.

މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް އަރުވާފައެވެ.

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު  ނިޔާވީ ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށެވެ. 

ތ. ހިރިލަންދޫއަށް އުފަން ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ސިފައިންގޭގައި ހިދުމަތްކުރައްވާތާ މިހާރު ވަނީ 27 އަހަރު ވެފައެވެ. އަދި އަސްކަރީ ހިދުމަތުގައި ހާމިދުއަށް ވަނީ ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިލައްވާފައެވެ. އެއީ 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ހިދުމަތުގެ މެޑެލި، އަހުލާގީ މެޑެލި، ސިފައިންގެ ހިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަހުލާގީ ކުލަ ތިންވަނަ ފަހަރަށް، އިހުލާސްތެރި ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ މެޑައްޔެވެ. 

އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ނިޔާވުމުގެ ހިތާމައިގައި، ރޭ 00:00 އިން މިރޭ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS