Ads by Stelco

ޚަބަރު

ބައިނަލްއަގުވާމީ ފޯރަމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އަމީން ފުރާވަޑައިގެންފި

ބައިނަލްއަގުވާމީ ފޯރަމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އަމީން ފުރާވަޑައިގެންފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން---

26 ޖޫން 2025، 08:23

"ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ. 

މި މަހުގެ 27 އިން 29 އަށް ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ތުރުކީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރއިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ.

މިފޯރަމަކީ އެކިޤައުމުތަކުގެ ދަތުރުފަތުރާއި ބެހޭ ވަޒީރުންނާއި، ބައިނަލްއަޤުވާމި ޖަމުޢިއްޔާތަކުގެ އިސް ބޭފުޅުންނާއި މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އިސްފަރާތްތަކާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ މި ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާވެ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކޮށް އެންމެ ފައިދާ ހުރި ގޮތުގައި ހިދުމަތްތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. 

މި ފޯރަމްގެ ތެރެއިން އޮންނަ ޕެނަލް ޑިސްކަސަންއެއްގައި ވެސް ވަޒީރު އަމީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ "މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕޮޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖެސް"، މި މައުޟޫއުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެނަލް ޑިސްކަޝަންއެވެ. 

މި ޕެނަލްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައިވާ ކަނޑުދަތުރުފަތުރުގެ ގުޅުން ތަރައްގީކުރުމަށް ހުރި ފުރުސަތުތަކާއި އޭގައި އެކުލެވޭ ގޮންޖެހުންތަކާއި އަދި އެކަންކަމުން އަރައިގަނެވޭނެ ހަރުދަނާ ދެމެހެއްޓެނިވި ސިޔާސަތުތަކާއި ބެހޭގޮތުންކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި އަހަރުގެ ފޯރަމްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރުގެ ސިނާއަތުގެ ދެމެހެއްޓެނިވި ތަރައްގީ އާއި އެ ސިނާއަތަށް ގެންނަންޖެހޭ ތިމާވެއްޓާ ރައްޓެހި ބަދަލުތަކާއި، އަދި ސަރަހައްދީ ފެންވަރުގައި ގައުމުތަކުގެ މެދުގައި އިތުރަށް މި ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންކަމަށެވެ.

ހަމައެއާއެކު ގައުމުތަކުގެ މެދުގައި ގުޅިފައިވާ ދަތުރުފަތުގެ ވިއުގަތަކެއް ތަރައްގީކުރުމާއި، އިންވެސްޓުކުރުމުގައި ހުރި ދަތިތައް ނައްތާލުމާއި ގުޅޭގޮތުން އަދި ސަރުކާރުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މި އަހަރުގެ ފޯރަމްގައި މަޝްވަރާ ކުރެވޭނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS