ކުޅިވަރު

އޭސީ މިލާނަށް ބަދަލުވުމަށް މޮޑްރިޗް އެއްބަސްވެއްޖެ

އޭސީ މިލާނަށް ބަދަލުވުމަށް މޮޑްރިޗް އެއްބަސްވެއްޖެ

ލޫކާ މޮޑްރިޗް---

26 ޖޫން 2025، 06:59

އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމަށް ލޫކާ މޮޑްރިޗް އެއްބަސްވެއްޖެއެވެ. އޭނާ އެ ޓީމާ ގުޅޭނީ، މިހާރު އެމެރިކާގައި ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕަށްފަހުއެވެ. 

ކްލަބް ވޯލްޑް ކަޕަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މޮޑްރިޗް ކުޅޭ އެންމެ ފަހު މުބާރާތެވެ. އުމުރުން 39 އަހަރުގެ މޮޑްރިޗް ވަނީ ރެއާލްގައި 13 ސީޒަން ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާއަކީ މި ޖެނެރޭޝަންގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. 

ރެއާލްއާއެކު 28 ޓްރޮފީ ކާމިޔާބުކޮށްފައިވާ މޮޑްރިޗްއާއެކު އޭސީ މިލާނުން މަޝްވަރާތައް ފެށީ މި މަހުގެ ކުރީކޮޅުގައިކަމަށް، މިލާންގެ ސްޕޯޓިން ޑައިރެކްޓަރ، އިގްލީ ޓެއަރ ވަނީ ހާމަކޮށްފައެވެ. 

އޭނާ ބުނީ މޮޑްރިޗްގެ ފުރަތަމަ ސުވާލަކަށްވީ، މި އަންނަ ސީޒަނަކީ މިލާނުން ތައްޓަށް ވާދަކުރާނެ ސީޒަނަކަށް ވާނެތޯ ޔަގީންކުރުމަށް އެހި ސުވާލުކަމަށެވެ. 

އެހެންކަމުން، ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މޮޑްރިޗްގެ ވިސްނުމަށް އިޝާރާތްކޮށް ޓެއަރ ބުނީ، މޮޑްރިޗް އެ ޓީމާ ގުޅުން ވެގެންދާނީ، ލީޑަރޝިޕާއި، ވަރުގަދަ ވިސްނުމަކާއި އަދި ޕްރޮފެޝަނަލް އެހީތެރިކަން ބޭނުންވެފައި އޮތް މިލާންގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމަކަށްކަމެވެ.

ޓެއަރ ބުނީ، މޮޑްރިޗަކީ އޭނާގެ ޅަ ދުވަހު މިލާނަށް ލޯބި އޮތް ކުޅުންތެރިއެއް ކަމުން، އެ ކްލަބަށް ގެނައުމަށް އެއްބަސްކުރުވަން އުނދަގޫނުވިކަމަށެވެ. 

އޭސީ މިލާނުން މަސައްކަތްކުރަމުން ދަނީ ބެޔާ ލެވަކޫސެންއަށް ކުޅެމުން އަންނަ ގްރޭނިޓް ޖަކާ ވެސް އެ ޓީމަށް ގެނައުމަށެވެ. 

އަދި އުމުރުން ދުވަސްވީ ނަމަވެސް، ރެއާލްގެ ފުރަތަމަ އެގާރައިގައި މޮޑްރިޗް މިދިޔަ ސީޒަންގައި އާދަވެ ކުޅެ، އޭނާގެ ފިޓްނަސް ލެވެލް ރަގަޅަށް ހުރުމުން، އޭނާއާއެކު އަންނަ ސީޒަންގައި އޭސީ މިލާނަށް ކާމިޔާބީތަކެއް ހޯދޭނެކަމަށް އެ ކަލްބުން ގަބޫލުކުރެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS