ޚަބަރު
މިނިވަން 60އާ ގުޅިގެން ބޭނުންކުރަން ހޮވިފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފި

މިނިވަން 60 ލޯގޯ---
ދިވެހިރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ.
މި ލޯގޯއަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގައި ހދ. ނޭކުރެންދޫ / ވާރޭވިލާ، ފަރުހާދު އިބްރާހީމް ފަރުމާކޮށްފައިވާ ލޯގޯއެކެވެ.
މި ލޯގޯ މި އަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އުފާވެރި މުނާސަބަތުގައި ބޭއްވުނު ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ އަށްހޮވިފައިވާ ލޯގޯ.
— Ministry of Dhivehi Language, Culture and Heritage (@MoDLCH) June 25, 2025
މި ލޯގޯ ކުރެއްސެވި ފަންނާނު ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.#ދައުލަތުގެޓީމު pic.twitter.com/wLYH8zIF52
މިނިވަން 60 ލޯގޯއާ ގުޅޭގޮތުން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢާއިޝަތު ޙަމްލާ ވިދާޅުވީ، މި ފުރުސަތު ހުޅުވާލުމާއެކު ގާތްގަނޑަކަށް 30 ހުށަހެޅުން ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ލޯގޯތައް އިންސާފުކުރުމަށް ޙާއްސަ ކޮމެޓީއެއް އެކުލަވައި އެ މަސައްކަތް ކުރިއަށް ގެންދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ލޯގޯއަށް އިންސާފު ކުރުމުގައި ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށް ފަނޑިޔާރުންގެ ކޮމެޓީގެ މެންބަރު މުހައްމަދު އަބްދުލްޤާދިރު ވިދާޅުވިއެވެ. މިގޮތުން ފަނޑިޔާރުން އިންސާފުކޮށްފައިވަނީ، މި މަރުހަލާ އިންސާފުވެރިކުރުމުގެ ގޮތުން ނަންބަރު ދެވިފައިވާ ލޯގޯތަކަށް ކަމަށާއި، އިންސާފު މަރުހަލާ ނިމި މާކްސްތައް ދެވިފައިވާ ގޮތަށް ބެލިއިރު މާކްސް ދެވުނު ގޮތާއި މެދު ހުރިހާ ފަނޑިޔާރުންގެ ރައުޔު ދިމާވާކަމަށް ވިދާޅުވިއެވެ.