ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުގައި ދެމިތިބެގެންކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު---

ފަރުދުން
25 ޖޫން 2025، 08:41
25 ޖޫން 2025، 08:41
މި ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަކުރެއްވިއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބާއާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ، ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ހިޖުރަކުރެއްވުމަކީ އިސްލާމީ އުއްމަތަށް އެތައް އިބުރަތެއް އެ ކަމުގައި ހިމެނޭ ކަމެއްކަމުގައެވެ. އެގޮތުން އެކަލޭގެފާނު ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ޙިކްމަތްތެރި ހަމަތަކެއް ރަމްޒުކޮށްދޭ ކަންތައްތަކެއް ކަމުގައެވެ.
ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް އެކަލޭގެފާނު ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެށްޓެވިއެވެ. މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ޞަޙާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވިއެވެ. މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާއެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިޢަތު ހިއްޕެވިއެވެ. މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވިއެވެ.
ދަތުރުފުޅަށް ފެށްޓެވި ރޭ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި، ޢާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި 3 ރޭ މަޑުކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ޙަވާލުކުރެއްވީ، ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާ އެވެ. ފަރިއްކޮޅު ގެނަސްދެއްވުން ޙަވާލުކުރެއްވީ ހިތްވަރުގަދަ އަންހެން ޞަޙާބީ އަސްމާ ބިންތު އަބޫބަކުރާ އެވެ. މިއީ އިސްލާމީ މުޖްމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ޙިއްސާގެ ބޮޑުކަންކަން ދޭހަވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި މިފަދަ ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށާއި، ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ ވެސް އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުޢާ ދަންނަވަމުންނެވެ.