ޚަބަރު
މިއީ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު---

ފަރުދުން
25 ޖޫން 2025، 07:46
25 ޖޫން 2025، 07:46
މިއީ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
އެ މަނިކުފާނު ވިދާޅުވީ، މިއީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތަކަށް ކުރިމަތިވެފައިވުމުގެ ސަބަބުންނެވެ.
އަދި ފަލަސްތީނުގެ އިތުރުން، މެދުއިރުމަތީގެ މުސްލިމް ހުރިހާ ގައުމަކަށް ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އެދި އެ މަނިކުފާނުގެ ޚިޠާބުގައި ދުއާ ދަންނަވާފައިވެއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބާއާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ، ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ހިޖުރަކުރެއްވުމަކީ އިސްލާމީ އުއްމަތަށް އެތައް އިބުރަތެއް އެ ކަމުގައި ހިމެނޭ ކަމެއްކަމުގައެވެ. އެގޮތުން އެކަލޭގެފާނު ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ޙިކްމަތްތެރި ހަމަތަކެއް ރަމްޒުކޮށްދޭ ކަންތައްތަކެއް ކަމުގައެވެ.
މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށާއި، ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ ވެސް އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.