ދުނިޔެ
ވިއެޓްނާމުގައި ބައެއް ކުށްތަކަށް ދޭ މަރުގެ އަދަބު ނުދިނުމަށް ނިންމައިފި

ވިއެޓްނާމްގެ ގައިދީންތަކެއް.
ހުލާސާ
ވިއެޓްނާމުން އެ ޤައުމުގެ ޖިނާއީ ޤާނޫނަށް އިސްލާހު ގެނެސް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ދައުލަތުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުން ދިނުން ފަދަ އަށް ބާވަތެއްގެ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ނުދިނުމަށް ނިންމައިފައެވެ.
ވިއެޓްނާމް ނިއުސް އޭޖެންސީން ބުދަ ދުވަހު ރިޕޯޓު ކުރި ގޮތުގައި، އެ ޤައުމުގެ ނެޝަނަލް އެސެމްބްލީގެ އިއްތިފާޤުން ވަނީ މި އިސްލާހު ފާސްކޮށްފައެވެ. މި އިސްލާހާ އެކު، ކުރިއަށް އޮތް މަހުން ފެށިގެން ރިޝްވަތު، ވައްކަން، ފޭކު ބޭސް އުފެއްދުމާއި އޭގެ ވިޔަފާރި ކުރުން، މަސްތުވާތަކެތި އެތެރެކުރުން، ޖާސޫސް ކުރުން، އަމަން ނަގާލުމާއި ހަނގުރާމައަށް ހިތްވަރު ދިނުން، އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ފަދަ ކުށްތަކަށް މަރުގެ އަދަބު ނުދެވޭނެއެވެ.
މި ކުށްތަކަށް މިހާރު އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ދެވޭނީ އުމުރު ދުވަހުގެ ޖަލު ޙުކުމެވެ. އަދި ޖުލައި 1 ގެ ކުރިން މި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ތެރެއިން އަދި ޙުކުމް ތަންފީޒުކުރެވޭ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލަށް ބަދަލުކުރެވޭނެއެވެ.
ނަމަވެސް، މީހުން މެރުމާއި، ޤައުމަށް ޣައްދާރުވުމާއި، ޓެރަރިޒަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ 10 ކުށަކަށް މަރުގެ އަދަބު ދެމި އޮންނާނެއެވެ. ފާއިތުވި މަހު ނެޝަނަލް އެސެމްބްލީގައި މި އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރެވުނު އިރު، މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކަށް މަރުގެ އަދަބު ނުދިނުމާ މެދު އެންމެ ބޮޑަށް ޚިޔާލު ތަފާތުވިއެވެ.
ވިއެޓްނާމުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތަފާސް ހިސާބަކީ ދައުލަތުގެ ސިއްރެކެވެ. އަދި މިވަގުތު އެ ޤައުމުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ މީހުންގެ އަދަދު އެނގޭކަށް ނެތެވެ. އެ ޤައުމުގައި 2011 ގައި ވަނީ ބަޑި ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލައި، ލީތަލް އިންޖެކްޝަން ދިނުމަށް ބަދަލުކޮށްފައެވެ.