ޚަބަރު
ޑިންގީ ދުއްވަން ހުރި މީހާގެ މޫނާއި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް

އެކްސިޑެންޓުވި ޑިންގީގެ ބޮޑުބައެއް ހަލާކުވެފައި---

ފަރުދުން
25 ޖޫން 2025، 12:48
25 ޖޫން 2025، 12:48
ޅ. މަޑިވަރު އެއާރޕޯޓު ކައިރިން ރޭ އިރާކޮޅު ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޑިންގީ ދުއްވަން ހުރި މީހާގެ މޫނާއި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއްވެފައިވާކަން އެނގިއްޖެއެވެ.
މި އެކްސިޑެންޓު ހިނގީ ކަނުހުރާ ރިޒޯޓުގެ ލޯންޗަކާއި، ޅ. ހިންނަވަރަށް ނިސްބަތްވާ ޑިންގީއެއް ޖެހިގެންނެވެ.
މި ހާދިސާގައި ޑިންގީ ކެޕްޓަންގެ މޫނަށާއި މޭ މައްޗަށް ބޮޑެތި އަނިޔާތަކެއްވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ އަނިޔާތައް ސިފަކުރަމުން އެ އަނިޔާތައް ފެނުނު މީހަކު "ފަރުދުން" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ސިފަ ވަކިކުރަން އުނދަގޫ މިންވަރަށް މޫނު މައްޗަށް އަނިޔާވެފައިވާކަމަށެވެ.
މި ޑިންގީ ދުއްވަން ހުރީ ޅ. ހިންނަވަރު މީހެކެވެ. ދެން ޑިންގީގައި ތިބީ ހިންނަވަރު މީހަކާއި ނ. ވެލިދޫއަށް ނިސްބަތްވާ މީހެކެވެ. އޭގެ ތެރެއިން ވެލިދޫ މީހާއަށް ވެސް އަނިޔާވެފައިވެއެވެ.
މި މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ފުރަތަމަ ގެންދިޔަ ވަގުތު، ޑިންގީގެ ކެޕްޓަންގެ އޮކްސިޖަން ދަށްވެގެން އަނބުރާ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެއެވެ. ނަމަވެސް އޭނާގެ އޮކްސިޖަން ރަގަޅުވުމުން އޭގެ ފަހުން ވަނީ މާލެ ގެންގޮސްފައެވެ.
މި އެކްސިޑެންޓުގައި ޑިންގީގެ ކުރީކޮޅު ވަނީ އެއްކޮށް ހަލާކުވެފައެވެ. އަދި އެކްސިޑެންޓަށްފަހު ޑިންގީ ގެއްލިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި ޑިންގީއަށް ދިޔަވުމުގެ ސަބަބުން އަޑިއަށް ދިޔައީއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކަނުހުރާ ރިޒޯޓުގެ ލޯންޗަށް ވެސް ގެއްލުންތަކެއް ވަނީ ވެފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގެ 20:30 ހާއިރެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.