ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: ބެންފީކާއިން ބެޔާން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި

ކްލަބް ވޯލްޑް ކަޕް: ބެންފީކާއިން ބެޔާން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި

ބެންފީކާއިން ބެޔާންކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

25 ޖޫން 2025، 10:26

އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެންފީކާއިން ބެޔާން މިއުނިކް ބަލިކޮށް، ގްރޫޕް-ސީގެ އެއްވަނަ ޔަގީންކޮށްފިއެވެ. 

ނޯތު ކެރޮލީނާގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެންފީކާއިން ކާމިޔާބުކުރީ 1-0 އިންނެވެ. ނަމަވެސް ބަލިވުމަކުން ބެޔާން މުބާރާތަކުން ނުކަޓާނެއެވެ. އެ ޓީމު ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ-16 އަށް ދަތުރުކޮށްފައެވެ.

އެންމެ ރަގަޅު ކުޅުމެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ދެއްކިފައި ނުވާއިރު، ރޭގެ މެޗުގައި ބެންފީކާއިން ގޯލު ކާމިޔާބުކުރީ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީހެވެ. އެގޮތުން 13 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކުރީ އެންޑްރިއަސް ޝެލްޑެރަޕްއެވެ. 

މި މެޗަށް ބެޔާންއިން ނެރުނު ޓީމުން 7 ބަދަލެއް ފެނުނެވެ. ނަމަވެސް ދެވަނަ ހާފު ފެށީ ހެރީ ކޭން އާއި މައިކަލް އޮލީސޭ އަދި ޖޮޝުއާ ކިމިޗްއާއެކުއެވެ. 

މި ބަދަލުތަކާއެކު ބެޔާންގެ ކުޅުން ރަގަޅުކުރިއެވެ. އެގޮތުން އެ ޓީމުގެ ލެރޯއީ ސާނޭއަށް ލިބުނު ރަގަޅު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި ފުރުސަތުތައް ކާމިޔާބު ނުކުރެވުމުން ބެޔާންއަށް މެޗު ނިންމާލަން ޖެހުނީ އެއްވެސް ގޯލެއް ކާމިޔާބުނުކުރެވިއެވެ.

މި ނަތީޖާއާއެކު ނޮކްއައުޓް ބުރުގައި ބެޔާން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި ބެންފީކާ ބައްދަލުކުރަން ޖެހޭނީ ފްލަމެންގޯއާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS