Ads by Stelco

ޚަބަރު

ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ދޭންޖެހޭ ޢަދަދަށްވުރެ ބޮޑު ޢަދަދެއް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ބުނެފި

ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ދޭންޖެހޭ ޢަދަދަށްވުރެ ބޮޑު ޢަދަދެއް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ބުނެފި

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖޫން 2025، 10:21

25 ޖޫން 2025، 10:21

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދަށްވުރެ 23 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ޔޫމެޓް ކޮންސްޓްރަކްޝަނުން ކުރަމުންދަނިކޮށް، 2013 ވަނަ އަހަރުގެ މާރޗް 18 ވަނަ ދުވަހު އެ އެއްބަސްވުން ބާތިލުކޮށް އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން، ގެއްލުމުގެ ބަދަލު ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅި މައްސަލައިގައި، އިކޮނޮމިކް ކައުންސިލުން ވަނީ ސަރުކާރަށް ގެއްލުންވާ ގޮތަށް ބަދަލު ނަގައިދީފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޔޫމެޓް ކޮންސްޓްރަކްޝަނަށް އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭންޖެހޭނީ 2.7 މިލިއަން ރުފިޔާއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު އިކޮނޮމިކް ކައުންސިލުން ވަނީ 26 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އައިޑަލް ކޮސްޓްގެ ގޮތުގައި ދޭންޖެހޭ 2.7 މިލިއަން ރުފިޔާގެ ބަދަލުގައި 6.2 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް ވެސް ރިއާޔަތްނުކޮށް، ނުކުރާ މަސައްކަތްތަކެއްގެ އަގު ވެސް ހިމަނައިގެން ބަދަލު ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

މި މައްސަލައިގައި އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި، ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ހުށަހަޅާފައެވެ. އިކޮނޮމިކް ކައުންސިލުގެ މި ނިންމުމުގައި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިހާމް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS