ކުޅިވަރު
މާލީ ހާލަތާ ގުޅިގެން ހަތް ފަހަރު ފްރާންސް ލީގު ކާމިޔާބުކުރި ލިއޯން ރެލިގޭޓުކޮށްފި

އޮލިމްޕިކް ލިއޯން ވަނީ 2003 އިން ފެށިގެން 2008 އާ ހަމައަށް މެދުނުކެނޑި ފްރާންސް ލީގު ކާމިޔާބުކޮށްފައި---
މާލީ މައްސަލަތަކާ ގުޅިގެން ފްރާންސްގެ ލީގު-1 ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ލިއޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓުކޮށްފިއެވެ.
މިކަމާ ގުޅިގެން އިއްޔެ ލިއޯންގެ އޮފިޝަލުން ވަނީ ޑީއެންޖީސީއާ ބައްދަލުކޮށްފައެވެ. ޑީއެންޖީސީއަކީ ފްރާންސްގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކްލަބުތަކުގެ މާލީ އެކައުންޓުތައް މޮނިޓަރކުރާ ފަރާތެވެ. މި ބައްދަލުވުމުގައި ކްލަބުގެ އޯނަރު ޖޯން ޓެކްސްޓަރ ވެސް ބައިވެރިވިއެވެ.
ޓެކްސްޓަރގެ %77 ހިއްސާ ލިއޯންގައި އޮވެއެވެ. އަދި އޭނާގެ އީގަލް ފުޓުބޯޅަ ގްރޫޕުން މިދިޔަ އޮކްޓޫބަރުގައި ވަނީ، އެ ގްރޫޕްގެ ދަރަނި 422 މިލިއަން ޕައުންޑަށް އަރާފައިވާކަން އިއުލާންކޮށްފައެވެ.
ޑީއެންޖީސީގެ ނިންމުމާ ގުޅިގެން ލިއޯންއިން ބުނީ، އެއީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫންކަމަށާއި، މައްސަލަ އިސްތިއުނާފުކުރާނެކަމަށެވެ.
މިއަންނަ ސީޒަންގައި ޔޫރޮޕާ ލީގަށް ވެސް ކޮލިފައިވެފައިވާ ލިއޯން ރެލިގޭޓުވުމުން، އެ ކްލަބަށް އެ މުބާރާތުގައި ވާދައެއް ނުކުރެވޭނެއެވެ. އެހެންވެއްޖެނަމަ އެ ފުރުސަތު ލިބޭނީ އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއަށެވެ. ނަމަވެސް ކްރިސްޓަލްޕެލަސްއަށް އޮތް ބިރުވެރިކަމަކީ، އެ ކްލަބުގައި ވެސް ޓެކްސްޓަރގެ ހިއްސާ އޮތުމެވެ. ސަބަބަކީ ޔޫއެފާގެ ގަވާއިދު ބުނާގޮތުން، އެއް އޯނަޝިޕަކަށް ނިސްބަތްވާ ދެ ކްލަބަކަށް ޔޫރަޕްގެ އެއް މުބާރާތެއްގައި އެއް ފަހަރާ ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
އެހެންކަމުން، ޓެކްސްޓަރ ބުނެފައިވަނީ، ކްރިސްޓަލްޕެލަސްގައި އޮންނަ އޭނާގެ %43 ހިއްސާ ވިއްކާލާނެކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ލިއޯންއިން ވަނީ ދާދިފަހުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ ބޮޑު މުސާރައެއް ދެމުން ދިޔަ އެލެކްސެންޑަރ ލަކަޒެޓް އާއި އެންތޮނީ ލޮޕޭޒް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން މެކްސެންސް ކޮކެރެޓް އާއި ރަޔަން ޗާކީ ވަނީ ވިއްކާލާފައެވެ. ކޮކެރެޓް ކޮމޯއަށް ވިއްކާލިއިރު، ޗާކީ ވިއްކާލީ މެންޗެސްޓަރ ސިޓީއަށެވެ. މި ދެ ކުޅުންތެރިން ވިއްކައިގެން އެ ކްލަބުން ވަނީ 45 މިލިއަން ޕައުންޑުގެ ފައިދާއެއް ވެސް ހޯދާފައެވެ.
ލިއޯން ވަނީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ވެސް ކުޅެފައެވެ. އަދި 1989 ވަނަ އަހަރުގެ ފަހުން އެ ޓީމު ދެވަނަ ޑިވިޝަން ކުޅެފައެއް ނުވެއެވެ.