ކުޅިވަރު

އެފްއޭއެމް އިންތިހާބު: ތޯރިގަށް ތާއީދުކުރުމަށް ގްރީން ސްޓްރީޓުން ނިންމައިފި

އެފްއޭއެމް އިންތިހާބު: ތޯރިގަށް ތާއީދުކުރުމަށް ގްރީން ސްޓްރީޓުން ނިންމައިފި

އަހުމަދު ތޯރިގު (ޓޮމް)، ފޮޓޯ: ސަން

25 ޖޫން 2025، 07:52

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ދެން ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންތިހާބުގައި، އަހުމަދު ތޯރިގު (ޓޮމް)އަށް ތާއީދު ކުރުމަށް ކްލަބް ގްރީން ސްޓްރީޓުން ނިންމާފައިވާކަމަށް އެ ކުލަބުން އިއުލާންކޮށްފިއެވެ.

ގްރީން ސްޓްރީޓުން މިދިޔަ އަހަރު ކުރީކޮޅު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި ދެ އިންތިހާބުގައި ވެސް ތާއީދު ކުރީ އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ "ކޯލިޝަނަށެވެ." އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު އެފްއޭއެމްއިން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ވެސް ގްރީން ސްޓްރީޓް ތާއީދުކުރީ އެ ކޯލިޝަނަށެވެ. އެ ފަހަރު ބައްސާމް ކުރިމަތިނުލައްވައި، އޭނާގެ ޓީމުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުނީ ކްލަބް އީގަލްސްގެ ނައިބު ރައީސް މުފާވިޒު ހާޝިމް (މުފާ)އެވެ.

ނަމަވެސް އެ އިންތިހާބު ފީފާއިން ވަނީ ހުއްޓުވާފައެވެ. އެއީ ތޯރިގު ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުމުން އުފެދުނު މައްސަލަތަކާ ގުޅިގެންނެވެ. 

މިދިޔަ އަހަރު މާޗް މަހު އަލުން އިންތިހާބަށް ހުޅުވާލުމުން، ތޯރިގާ ވާދަކުރައްވަން ދެން ކުރިމަތިލީ ބައްސާމެވެ. އެ ފަހަރު ވެސް ގްރީން ސްޓްރީޓްއިން ތާއީދު ކުރީ ބައްސާމަށެވެ. އެކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ ބައްސާމް އާއި ކްލަބްގެ ރައީސް މުއާވިޔަތު ހަލީލާއި އޮތް ގާތް ގުޅުމެވެ. ހަލީލް ވަނީ ބައްސާމްގެ ފަހު ދައުރުގެ އެކްސްކޯ މެންބަރެއްގެ މަގާމު އަދާކުރައްވާފައެވެ.

ގްރީން ސްޓްރީޓުން ނެރުނު ބަޔާނުގައި ބުނީ، ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އާއި އެއަށްފަހު ބާއްވާ އިންތިހާބުގައި ވެސް ތޯރިގުގެ ޓީމަށް ތާއީދު ކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްއިން އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިހާބުގެ ކަންކަން ވެސް ކުރިއަށްނުދިޔައިރު، ރާއްޖޭގެ ފުޓްބޯޅަ ހަމަމަގަށް އަޅުވަން، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ހިންގުން ފީފާއިން ވަނީ ގެނެސްފައެވެ. 

އެ ގޮތުން، މިދިޔަ އޮގަސްޓް މަހުން ފެށިގެން ނޯމަލައިޒިން ކޮމިޓީގެ ދަށުން އެފްއޭއެމް ހިނގަމުން އަންނައިރު، އެ ކޮމިޓީގެ މުއްދަތު އޮތީ އަންނަ މަހުގެ ނިޔަލަށެވެ. އަންނަ ހުކުރު ދުވަހު، އެފްއޭއެމްއިން ކޮންގްރެސްއެއް ބާއްވައި، އެސޯސިއޭޝަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS