ކުޅިވަރު
ހިދުމަތުގެ އަގު ވަޒަންކުރުމަށް ސާންތީ ކޯޗުގެ ނަމުގައި މުބާރާތެއް ފަށައިފި

މައިލޯ ސްވޭމް ޖޫނިއަރސް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ދިވެހި ފުޓުބޯޅައަށް އަލްމަރްހޫމު އިހުސާން އަބުދުލް ޣަނީ (ސާންތީ ކޯޗު) ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފުޓުބޯޅަ މުބާރާތެއް ފަށައިފިއެވެ.
މައިލޯ ސްވޭމް ޖޫނިއަރސްގެ ނަމުގައި ފެށި މި މުބާރާތަކީ 8 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ ފުޓްބޯޅަ ފިއެސްޓާއެކެވެ. މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޮލާލް ވިދާޅުވީ، ސާންތީ ކޯޗަކީ ހަމައެކަނި ފުޓުބޯޅަ ކޯޗެއް ނޫންކަމަށާއި ނަމަވެސް އެއީ ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ. އަދި އެއީ "ރިޕްލޭސް" ނުކުރެވޭނެ ވަރުގެ ހިދުމަތްތެރިއެއް ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.
"ސާންތީ ކޯޗު ރިޕްލޭސް އެއް ނުކުރެވޭނެ. އެއީ އެއަށްވުރެ މާ ބޮޑު މާ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. ކުޅިވަރުގެ ކުރިއެރުވުމަށް ގައުމު އެބޭފުޅަކަށް ގޮވާލައިފިނަމަ ނޫނެކޭ ނުބުނާ ބޭފުޅެއް. ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަރަށް ބޮޑު ބައިވެރިއެއް. ފުޓްބޯޅައިން ހޯދި ކޮންމެ ރަން މެޑަލްއެއްގެ ހިއްސާދާރެއް" ސާންތީ ކޯޗު ސިފަކޮށްދެއްވަމުން ތޮލާލް ވިދާޅުވިއެވެ.
ސާންތީ ކޯޗުގެ ނަމުގައި އެ ދާއިރާއިން ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ނިންމައި އެކަން ފެއްޓެވީތީ ކުޅިވަރާ ބެހޭ ވަޒީރުގެ ނަންފުޅުގައާއި ކުޅިވަރުގެ އެންމެހާ ފަރާތްތަކުގެ ނަމުގައި ސޮކަރ ވެޓެރަންސްއަށް ތޮލާލް ވަނީ ޝުކުރު ދަންނަވާފައެވެ.
މަލްޓި ސްޕޯޓްސް ގޭމެއްގައި އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑެލް ހޯދައިދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރީޔޫނިއަންގައި ބޭއްވިއިރު، އޭރުގެ ޗެޕް ޑި މިޝަން އަކީ ސާންތީ ކޯޗުކަން ފާހަގަކުރައްވައި ޠަލާލް ވިދާޅުވީ އެ މުބާރާތުގައިވެސް ސާންތީ ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ކަމަށެވެ.
އޭރު ސާންތީ ކޯޗާއި ވަރަށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑަިއގެންނެވި ކަމަށާއިި، ރާއްޖެއިން އެ މުބާރާތަށް ތައްޔާރުވާން ފެށިއިރުން ފެށިގެން ގޮސް މުބާރާތް ނިންމައި، މާލެ އައުމާ ހަމައަށް އެދޭ އެއްވެސް ކަމެއްގައި ސާންތީ ކޯޗު ނޫނެކޭ ބުނެފައިނުވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ސާންތީ ކޯޗު ނިޔާވީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް މިދިޔަ މާޗު މަހުގެ ތެރޭގައެވެ.