Ads by Stelco

ޚަބަރު

ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ---

24 ޖޫން 2025، 10:16

ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ބެލެވޭ ގޮތުގައި މިއީ މިދިޔަ ރޯދަމަހު ހިނގި ހާދިސާއެއްގައި ހައްޔަރުކުރި ތިން މީހުންނެވެ. އެ ހާދިސާގައި ފުލުހުންނާއި ސިފައިން ވަނީ ޖޮއިންޓު އޮޕަރޭޝަނެއް މާލެ އާއި ހިޅުމާލޭގައި ހިންގާފައެވެ. އޭރު އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ވެސް، އަދި ހާދިސާ ހިނގި ގޮތެއް ވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ޕީޖީ އޮފީހުން މި މައްސަލަ ބަލައިގެނފައި ވަނީ ހޯމަ ދުވަހެވެ. އަދި މި މައްސަލާގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުކަމަށް ވެއެވެ. 

ހައުސިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވި ހާދިސާ އަދި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ފުލުހުން ތައްޔާރުވިއެވެ. ނަމަވެސް ފަހު ވަގުތު ވަނީ އެ ޕްރެސް ކެންސަލްކޮށްފައެވެ. އެހެންކަމުން މިއަދު ބާއްވަން އުޅުނީ އެ މައްސަލައާ ގުޅުންހުރި ޕްރެސް ކޮންފަރެންސެއްކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS