Ads by Stelco

ޚަބަރު

މެދުއިރުމަތީގެ ހާލަތުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ އަސަރު އަންނަނީ ދިރާސާކުރަމުން: ފިނޭންސް މިނިސްޓަރު

މެދުއިރުމަތީގެ ހާލަތުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ އަސަރު އަންނަނީ ދިރާސާކުރަމުން: ފިނޭންސް މިނިސްޓަރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން، އޮނަރަބަލް މޫސާ ޒަމީރު ---

24 ޖޫން 2025، 09:28

މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާކަމުގެ އަލާމާތްތައް ފެންނަމުންދާއިރު، އެ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކޮށްފާނެ އަސަރުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން، އޮނަރަބަލް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ހޯދުމަށާއި އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގެ މާލީ ހާލަތު ހިފެހެއްޓުމަށް ކުރެވެންހުރި ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. 



މީގެތެރޭގައި މާކެޓުގައި ހުރި އަގުތަކާއި، އިންފްލޭޝަނަށް އަންނަ ބަދަލުތަކާއި ވިޔަފާރި މުދާ ދައުރުކުރުމަށް ހުރި ގޮންޖެހުންތައް ދިރާސާކުރުން ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ރޭ ވަނީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ ދެ ރޫޓުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެގޮތުން ދޯހާ އާއި ދުބާއީ މަގުން ދަތުރުކުރާ ފްލައިޓުތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. 

މި ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި ވަނީ އިޒްރޭލާއި އީރާނާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާއިން ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް މިރޭ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް ގަތަރުގެ ސަރުކާރުން ބުނީ، އީރާނުގެ ހުރިހާ ހަމަލާތަކެއް ވެއްޓުމުގެ ކުރިން ގޮއްވާލެވުނުކަމަށެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގަތަރުގައި ހުންނަ އަލް އުދައިދު އެއަރ ބޭސްއަށެވެ. ގަތަރުގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، މިތަނުގައި އެމެރިކާގެ ޓްރޫޕްތަކުގެ އިތުރުން، ގަތަރުގެ ޓްރޫޕްތައް ވެސް ތިބެއެވެ. މި ހަމަލާތަކަށް އީރާނުން ބޭނުންކުރީ ބެލިސްޓިކް މިސައިލްއެވެ.

ބެލެވޭ ގޮތުގައި ގަތަރުގެ ދޯހާއިން ރާއްޖެއަށް ގާތްގަނޑަށް 80 ފްލައިޓު ހަފުތާއަކު އާދެއެވެ. އަދި ދޯހާއިން ހަފްތާއަކު ގާތްގަނޑަކަށް 70 ފްލައިޓު އާދެއެވެ. މި ރޫޓުތަކަކީ ރާއްޖެއަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ ރޫޓުތައް ކަމުން، މި ކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS