ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: މޮޅުވި ނަމަވެސް އެތުލެޓިކޯ ގްރޫޕް ސްޓޭޖުން ކަޓައިފި

ކްލަބް ވޯލްޑް ކަޕް: މޮޅުވި ނަމަވެސް އެތުލެޓިކޯ ގްރޫޕް ސްޓޭޖުން ކަޓައިފި

އެތުލެޓިކޯއަށް ގޯލު ކާމިޔާބުކޮށްދިން ގްރީޒްމަން، ފޮޓޯ: އޭއެފްޕީ

24 ޖޫން 2025، 07:39

އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް-އޭގެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު، އެތުލެޓިކޯ މެޑްރިޑަށް ބްރެޒިލްގެ ބޮޓަފޮގޯ 1-0 އިން ބަލިކުރެވުނު ނަމަވެސް، އެ ޓީމަށް ނޮކްއައުޓް ބުރުން ފުރުސަތު ނުލިބި ކަޓައިފިއެވެ. 

މި ގްރޫޕްގެ ހުރިހާ މެޗެއް ނިމުނުއިރު އެތުލެޓިކޯއާއެކު ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އާއި ބޮޓަފޮގޯއަށް ވެސް ވަނީ 6 ޕޮއިންޓު ލިބިފައެވެ. އަދި ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޕީއެސްޖީއަށް ލިބުނުއިރު، ދެވަނަ ލިބުނީ ބޮޓަފޮގޯއަށެވެ. ބޮޓަފޮގޯއަށް ކުރި ލިބިފައިވަނީ ފައިދާ އެއް ގޯލުގެ ސަބަބުންނެވެ. އެތްލެޓިކޯއަށް ފައިދާ ގޯލެއް ލިބިފައެއް ނެތެވެ.

ލޮސް އެޖެލެސްގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތްއިރު، މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ތިން ގޯލުގެ ތަފާތުން މެޗު ކާމިޔާބުކުރަންޖެހޭކަން އެތުލެޓިކޯއަށް އެނގެއެވެ. މިކަމަށް އެންމެ ބޮޑަށް ހުރަސްއަޅާފައި ވަނީ ބޮޓަފޮގޯގެ ގޯލްކީޕަރު، ޖޯން ވިކްޓަރއެވެ. އޭނާ ވަނީ އެތުލެޓިކޯގެ ގިނަ ހަމަލާތަކައް ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ހަމައެކަނި ގޯލު އެތުލެޓިކޯއަށް ކާމިޔާބުކުރެވުނީ ނިމެން 3 މިނެޓަށްވެފައި ވަނިކޮށެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އެންޓޮނީ ގްރީޒްމަންއެވެ. މެޗުގެ 87 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި މި ގޯލަކީ، ހޫލިއަން އަލްވަރޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެކެވެ.

ގަދަ-16ގައި ޕީއެސްޖީއާ ބައްދަލުކުރާނީ ގްރޫޕް-ބީގެ ދެވަނައަށްދާ ޓީމެވެ. އަދި ބޮޓަފޮގޯއާ ބައްދަލުކުރާނީ ގްރޫޕް-ބީގެ އެއްވަނަ ޓީމެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ ގްރޫޕްގެ އެއްވަނައަށް ދާނީ އިންޓާރ މިއާމީއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS