ވިޔަފާރި / ޚަބަރު
މި އަހަރުގެ މިހާތަނަށް ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާ %42 އިތުރުވެއްޖެ

އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މި އަހަރު ލިބުނު މިންވަރު ވަނީ އިތުރުވެފައި، ފޮޓޯ: ވެލާނާ އެއާރޕޯޓު
މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)އަށް ޖަމާކުރި ފައިސާ %42 އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ އަހަރުގެ މި ހާތަނަށް 635.2 މިލިއަން ރުފިޔާ ސޮވެރިން ފަންޑަށް ޖަމާކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް 907.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެހެންކަމުން މިއީ %42.8 އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުން ޖޫންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 780.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 539.9 މިލިޔަން ރުފިޔާ ލިބުނުއިރު، މި އަހަރު އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އަދަދަކީ %44.5 އިތުރުވުމެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްޤީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. އެގޮތުން ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް މި ފަންޑު އުފައްދާފައިވަނީ 2017ވަނަ އަހަރުއެވެ.