ޚަބަރު
ސަރުކާރުގެ ވިސްނުމަކީ ސްކޫލް ނިންމާ މަރުހަލާ އޭ-ލެވެލްއަށް ބަދަލުކުރުން: މިނިސްޓަރ ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު---
މި ސަރުކާރުގެ ވިސްނުމަކީ ސްކޫލް ނިންމާ މަރުހަލާ އޭ-ލެވެލްއަށް ބަދަލުކުރުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފަހު ދަންފަޅި ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ވަޒީރު ވިދާޅުވީ، އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދެ މާއްދާއިން ފާސްވިޔަސް އޭ ލޭވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.
"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފަށާފައިވާ ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު %38 އިތުރުވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރެއިން ސަރުކާރު ސްކޫލްތަކަށް އެކަނި %77 އިތުރުވިއެވެ.
ޝަފީއު ވިދާޅުވީ މާލޭގެ ސީއެޗްއެސްއީ އާއި ހުޅުމާލޭގެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށާއި އަންނަ އަހަރު މާލެ ސަރަހައްދުގައި އޭ ލެވެލް ކިޔަވައިދޭ ދަރިވަރުންގެ އަދަދު އިތުރުވާނެ ގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.