ކުޅިވަރު
އެކަކު މަދުކޮށް ކުޅުނު ރެއާލްއަށް ކާމިޔާބު ލިބުނީ ވިސްނުން ރަގަޅުވުމުން: އަލޮންސޯ

ޒަބީ އަލޮންސޯ ޓީމަށް އިރުޝާދު ދެނީ، ފޮޓޯ: ފީފާ
އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރެއާލް މެޑްރިޑާއި ޕަޗޫކާ ރޭ ދަންވަރު ބައްދަލުކުރި މެޗު 3-1 އިން ރެއާލް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ރެއާލްގެ ކުޅުންތެރިއަކަށް މެޗުގެ ވަރަށް ކުރީކޮޅު ރަތް ކާޑެއް ދެއްކި ނަމަވެސް، އެ ޓީމަށް މެޗު ކާމިޔާބުކުރެވުނީ ކުޅުންތެރިންގެ ވިސްނުން ރަގަޅުވުމުންކަމަށް އެ ޓީމުގެ ކޯޗު، ޒަބީ އޮލޯންސޯ ވަނީ ބުނެފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަލްހިލާލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވުމުން، މި މެޗަށް ރެއާލް ނިކުތީ ފުރިހަމަ ކުޅުމެއް ދައްކައި 3 ޕޮއިންޓު ހޯދުމަށެވެ. ނަމަވެސް ރެއާލްގެ އެންމެ ފަހަތަށް ކުޅުނު ރައުލް އެސެންސިއޯކުރި ފައުލަކަށް އޭނާއަށް މެޗުގެ 7 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުން، އަލޮންސޯގެ ބެލުމުގެ ދަށުން ރެއާލް ކުޅޭ ދެވަނަ މެޗުން ވެސް މޮޅުވާނެކަމާމެދު ޝައްކު އުފެދުނެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖޫޑް ބެލިންހަމްއެވެ. އެ ޓީމުން ލީޑު ފުޅާކުރީ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އަރދާ ގޫލާ ކާމިޔާބުކުރި ގޯލަކުންނެވެ.
ރެއާލްގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން މެކްސިކޯގެ ޕަޗޫކާއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
ޕާޗޫކާއާ ދެކޮޅަށް ރެއާލް 3-1 އިން މި ހޯދި ކާމިޔާބަށްފަހު އެ ޓީމު އޮތީ 4 ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައެވެ. ދެވަނައިގައި އޮތް އެފްސީ ސަލްޒްބާގްއަށް ވެސް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ގްރޫޕްގެ އެއްވަނަ ޔަގީން ވާނީ މި ދެ ޓީމު ބައްދަލުކުރާ މެޗުން ނިކުންނަ ނަތީޖާއަކުންނެވެ.
މެޗަށްފަހު ފީފާއަށް ދިން އިންޓަވިއުއެއްގައި އަލޮންސޯ ބުނީ، ރަތް ކާޑަށްފަހު މެޗު ވަރަށް އުނދަގޫވާނެކަމަށް ގަބޫލުކުރީމެވެ. ނަމަވެސް މެޗު ނެގުނީ ކުޅުންތެރިން އެކަން ގަބޫލުކޮށް، އިތުރަށް މަސައްކަތްކޮށްގެންކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.