ޚަބަރު
އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސް މަރާލާފައިވަނީ 31 ޖުލައި 2017 ގައި ---
2017 ވަނަ އަހަރު ރަހުމް ކުޑަ ގޮތަކަށް ލިޓަސް ސާރވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުޙުމަތުކުރެވޭ 7 މީހުން ހައްޔަރު ކުރުމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރިއިރު، އިސްތިއުނާފު މަރުހަލާގައި އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ދެ ފަހަރެއްގެ މަތިން ވަނީ ނިންމާފައެވެ. ދެވަނަ ފަހަރަށް ހައިކޯޓުން ހުކުމްކުރީ، އެޕްރީލް މަހުގެ 28 ވަނަ ދުވަހު ސްޕްރީމް ކޯޓުން އެ މައްސަލައިގައި އަލުން ގޮތެއް ނިންމުމަށް ކުރި ހުކުމާ ގުޅިގެންނެވެ. ސްޕްރީން ކޯޓުންކުރި އެ ހުކުމުގައި އޮތީ، ހައި ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށާއި، އެ ނިންމުން ބާޠިލްކޮށް 14 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު އަލުން ގޮތެއް ނިންމުމަށެވެ.
އެ ހުކުމާ ގުޅިގެން ހައިކޯޓުން މެއި 21 ވަނަ ދުވަހު ނިންމީ އެމީހުން ބަންދުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އެ ކޯޓުން ބުނީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެކަމަށް އެ ނިންމުމުގައިވެއެވެ. އެގޮތަށް ނިންމީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހައި ކޯޓުގެ އެ ނިންމުމާ ގުޅިގެން ސްޕްރީމް ކޯޓުގައި އެ މައްސަލަ އަނެއްކާ ވެސް އިސްތިއުނާފުކުރިއެވެ.
އެގޮތުން ސްޕްރީމް ކޯޓުން މިއަދުކުރި ހުކުމުގައި އަމުރުކޮށްފައި އޮތީ، އެ މައްސަލައިގައި ހިމެނޭ 7 މީހުން ރިމާންޑު ޖަލެއްގައި ބަންދުކުރުމަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އަގުލަބިއްޔަތުން ނެރުއްވި ހުކުމުގައިވަނީ، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ބަލާއިރު މުޖުތަމައަށް ނުރައްކާ އޮތް މިންވަރަށް ބަލަން ޖެހޭކަމަށާއި، ދައުލަތުން ހުށަހެޅި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން މުޖުތަމައަށް ނުރައްކާ އޮތް ކަމުގެ ހާލަތު ވުޖޫދުގައި އޮތްކަން ސާފުވާކަމަށާއި އަދި އެ ހާލަތު އޮތްކަން ދައުލަތުން ސާބިތުކޮށްދީފައިވާތީވެ، ބަންދުގައި ކިތަންމެ ދިގު މުއްދަތެއް ހޭދަކޮށްފައި އޮތަސް މި މަރުހަލާގައި ވެސް ބަންދު ކުރަން ޖެހޭކަމަށެވެ.
މި މައްސަލައިގައި ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔެވެ. ޝުޖޫންގެ ރައުޔަކީ މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ސާބިތުވާ ވަރަށް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އެގޮތުން މުޖުތަމައަށް ނުރައްކާ އޮތްކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ އެންމެ ލިޔުމެއްކަމަށާއި އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ކަމަށާއި، ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެން މީގެ ކުރިން ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ގޮތެއް ނިންމާފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން
ހައި ކޯޓުން މައްސަލަ ނިންމީ، ދައުލަތުން ކޯޓަށް ހުށަހެޅި ކަންކަމަށް ރިޔާއަތްކޮށް ފަނޑިޔާރުންނަށް ލިބިދޭ އިހުތިޔާރުގެ ތެރެއިންކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި 7 މީހުންގެ ތެރެއިން 3 މީހަކަށް ދަޢުވާ އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވެފައިވާ ތުޙުމަތުގައެވެ. އަދި ދެން ތިބި 4 މީހުނަށް ދަޢުވާ އުފުލީ ގަސްތުގައި މީހަކު މަރާލާފައިވާކަމަށެވެ.
ގަސްތުގައި މީހަކު މަރާލިކަމަށް ދައުލަތުން ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި މައްސަލައިގައި ތުޙުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ ސީސީޓީވީ ފޫޓޭޖު ހެކީގެ ގޮތުގައި ބަލައިނުގަތުމާއި، މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކޯލް ޑީޓެއިލްސް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓުތަކާއި، ތަޙުޤީޤު ރިޕޯޓުތަކަށް ބުރަދަނެއް ދެވެން ނެތްކަމަށެވެ.
އެއަށްފަހު މި މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަންނަނީ މަތީ ކޯޓުތަކަށް "ދުވަމުން"ނެވެ. އިސްތިއުނާފު މަރުހަލާގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ މިއަދު ސްޕްރީމް ކޯޓުންކުރި ހުކުމެވެ.