ޚަބަރު
ރާއްޖޭގެ ފުރަތަމަ މެޓަބޮލިކް ސެންޓަރު ހުޅުވައިފި

މެޓަބޮލިކް ސެންޓަރަށް ސިއްހީ ވަޒީރު ވަޑައިގެންނެވުން، ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ފުރަތަމަ މެޓަބޮލިކް ސެންޓަރު މާލޭގައި ހުޅުވައިފިއެވެ. މި ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ސިއްހީ ވަޒީރު އަބްދުالله ނާޒިމް އިބްރާހިމްއެވެ.
މެޓަބޮލިކް ބަލިތަކަކީ، ހަށިގަނޑުގެ ތެރެއަށް ފޮނުވާ ކާނާއިން ހަކަތަ އުފައްދައިނުދިނުމުންޖެހޭ ބަލިތަކަށް އާންމުކޮށް ކިޔާ ނަމެކެވެ. މީގެތެރޭގައި ހަކުރުބަލި، ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރ މައްޗަށް ދިއުންފަދަ ބަލިތައް ހިމެނެއެވެ. އެގޮތުން އެ ސެންޓަރުން ފަރުވާދޭނީ މިފަދަ ބަލިތައް ދެނެގަނެ ފަރުވާ ދިނުމަށެވެ.
މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ، ޑަޔަބެޓިކްސް އެންޑް މެޓަބޮލިކް ޑިސްއޯޑަރ ސެންޓަރެއް ހުޅުވަން ނިންމީ، މިފަދަ ބަލިތަކަށް އެންމެ ފުރިހަމަ ފަރުވާއެއް ދޭނެ އިންތިޒާމެއް ރާއްޖޭގެ ގިނަ ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި ހަމަޖެހިފައި ނުހުންނާތީއެވެ. އެހެންކަމުން އެ ސެންޓަރުން ސްޕެސިޕިކް ޑިޒީޒް ކޮންޕްލެކްސްތަކެއް ހުރިތޯ ބަލައި، ފަރުވާ ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ލިބިގެންދާނެކަމަށާއި، މި ސެންޓަރާއިއެކު ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަން ވެސް ތައާރަފްކޮށްފައިވާނެކަމަށް ޑރ. ވިޝާމް ވަނީ ފާހަގަކުރައްވާފައެވެ.
ލިލީ މަގުގައި ހުންނަ މި ސެންޓަރު ހިންގަނީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުންނެވެ.