ކުޅިވަރު

ހިޔާކޮށް ނިންމުމަށްފަހު އޯގަސްޓު މަހު ހޭންޑް ބޯޅަ ގްރައުންޑު ބޭނުންކުރެވޭނެ: މުޖުތަބާ

ހިޔާކޮށް ނިންމުމަށްފަހު އޯގަސްޓު މަހު ހޭންޑް ބޯޅަ ގްރައުންޑު ބޭނުންކުރެވޭނެ: މުޖުތަބާ

މާލޭ ހޭންޑް ބޯޅަ ކޯޓު، ފޮޓޯ: ޕީއެސްއެމް

22 ޖޫން 2025، 09:30

ހޭންޑް ބޯޅަ ކުޅުމަށް އިންޑޯ ކޯޓެއް ނެތުމުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، މިހާރު އޮތް ހޭންޑް ބޯޅަ ގްރައުންޑު ހިޔާކުރުމަށް ކުރަމުންދާ މަސައްކަތް މި އަންނަ އޯގަސްޓު މަހު ނިމޭނެކަމަށް ހޭންޑް ބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

މުޖުތަބާ ވިދާޅުވީ، މި މަސައްކަތް ނިންމުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ، މި ކަމުގައި ހުރި ގޮންޖެހުންތައް ގިނަކަމުން ކަމަށެވެ. އެގޮތުން މަސައްކަތް މެދުކެނޑުމަށްފަހު މި މަހުގެ 15 ގައި އަނެއްކާ ވެސް ފަށާފައިވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތާ ގުޅިގެން މިހާރު އޮންނަ ހޭންޑް ބޯޅަ ގްރައުންޑު ބޭނުން ނުކުރެވޭތީ، މުބާރާތްތަކާއި އެހެން ފަރިތަކުރުންތައް މިހާރު ބާއްވަމުން އަންނަނީ ފުޓުބޯޅަ އާއި ފުޓްސަލް ކުޅުމަށް ތައްޔާރުކޮށްފައިވާ ވިނަ ދަނޑުތަކުގައެވެ.

ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅައިގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު މީގެ ކުރިން ހޭންޑް ބޯޅަ ކޯޓު ހިޔާ ނުކޮށް އޮތުމުގެ ސަބަބުން މުބާރާތްތަކަށް ބުރޫއެރިއެވެ. އެއީ ވިއްސާރަވުމުގެ ސަބަބުންނާއި އަވީގެ ސަބަބުން މުބާރާތްތައް ކުރިޔަށް ނުގެންދެވޭތީއެވެ. މި ދަތިތައް ހައްލު ކުރުމަށް ހޭންޑް ބޯޅަ ކޯޓު ހިޔާކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ކުޅިވަރު ވުޒާރާއިންނެވެ.

ހޭންޑް ބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ކުރިޔަށްދާތީ، މި އަހަރު އިންޓަސުކޫލް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ލ އަތޮޅުގައެވެ. 

މުޖުތަބާ ވިދާޅުވީ މުސްތަގްބަލުގައި މާލެ ސަރަހައްދުން ފަސްތަނެއްގައި ހޭންޑް ބޯޅަ ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އޭގެތެރޭގައި ގުޅީފަޅާއި ހުޅުމާލެވެސް ހިމެނޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS