ކުޅިވަރު
ހަނގުރާމައިގެ ސަބަބުން މުބާރާތް ނުބޭއްވުމުން ޖޯޑަންއަށް ދިޔަ ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެ

ބިލީ ޖީން ކިންގް ކަޕަށް ދިޔަ ރާއްޖޭގެ ޓެނިސް ޓީމު---
އީރާނާއި އިޒްރޭލާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށާފައިވުމާ ގުޅިގެން ޖޯޑަންގައި މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައި އޮތް ބިލީ ޖީން ކިންގް ކަޕް ނުބާއްވަން ނިންމުމުން، ރާއްޖޭގެ ޒުވާން ޓެނިސް ޓީމުން އަނބުރާ ރާއްޖެ އަތުވެއްޖެއެވެ.
މި ޓީމު ޖޯޑަންއަށް ފުރާފައިވަނީ މިމަހުގެ 12 ވަނަ ދުވަހެވެ. އަދި މުބާރާތް ނުބާއްވަން ނިންމި ނަމަވެސް، ރާއްޖެއަށް ނާދެވި ލަސްވެފައިވަނީ ޖޯޑަންއަށް ދަތުރުތައް ބާއްވަމުން އަންނަ ގިނަ ފްލައިޓުތަކެއްގެ ދަތުރުތައް ހުއްޓާލުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ދިވެހި ޓީމު ޖޯޑަންގެ އައްމާންއަށް ދަތުރުކުރި ފްލައި ދުބާއީ ވެސް ހިމެނެއެވެ.
މުބާރާތް ކެންސަލްކުރަން ޖެހުނު އެއް ސަބަބަކީ ވެސް މިއެވެ. އެއީ ޖޫން 13 ވަނަ ދުވަހު އީރާނާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވުމުގެ ސަބަބުން، ފްލައިޓުތައް މެދުކަނޑާލިއިރު ޓީމުތަކަށް ޖޯޑަންއަށް ނުދެވުމެވެ. ވައިގެ ދަތުރުތަކަށް ބަދަލުއައިއިރު ޖޯޑަންއަށް ދެވުނީ ވީއެޓްނާމް އާއި ރާއްޖޭގެ ޓީމަށް އެކަންޏެވެ.
މިދިޔަ ބުދަ ދުވަހު "ފަރުދުން"އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކެޕްޓަން އަދި މެނޭޖަރ، އާމިނަތު އިރުފާ މާހިރު ބުނީ، ޖޯޑަންގައި ޓީމަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި އަދި މުބާރާތް ކެންސަލްވި ނަމަވެސް، ވަގުތު ބޭކާރުނުކޮށް، ޖޯޑަން އާއި ވިއެޓްނާމްއާ ދެމެދު އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ ކަމަށެވެ.
ޓެނިސް ޓީމު އިއްޔެ ރާއްޖެ އައިސްފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން، މުބާރާތަށް ދިޔަ ފަސް ބެލެނިވެރިން އަނބުރާ ރާއްޖެ އައުމުގެ ޓިކެޓު ހަމަޖައްސައިދީފައެވެ. ޓީމު ޖޯޑަންއަށް ދަތުރުކުރީ ފްލައި ދުބާއީން ކަމުގައި ވިޔަސް، އެ ފްލައިޓުގެ ދަތުރުތައް މިވަގުތު ޖޯޑަންއަށް ހުއްޓާލާފައިވުމުން، އައްމާންއިން ދުބާއީއަށް ދަތުރުކުރުމަށް ޖެހުނީ އައު ޓިކެޓެއް ނަގާށެވެ. ނަމަވެސް ދުބާއީއިން ރާއްޖެ އައީ ފްލައި ދުބާއީގައެވެ.