Ads by Stelco

ޚަބަރު

ގިނަ ބަޔަކަށް ގެއްލުންދިން ޖެމްކިއު ހުއްޓާލުމަށްފަހު އައު ސްކޭމެއް ފަށައިފި

ގިނަ ބަޔަކަށް ގެއްލުންދިން ޖެމްކިއު ހުއްޓާލުމަށްފަހު އައު ސްކޭމެއް ފަށައިފި

ޖެމްކިއުގެ ޔޫއައި---

21 ޖޫން 2025، 10:05

ގިނަ ދިވެހިންތަކެއް އިންވެސްޓުކުރި ޖީއެމްސީއީ ނުވަތަ ޖެމްކިއު ހުއްޓާލުމަށްފަހު އައު ސްކޭމެއް ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.)އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، އިންވެސްޓްމެންޓު ފަންޑު ރެޖިސްޓަރކޮށް ހިންގުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، މިފަދަ އިންވެސްޓުމެންޓު ސްކީމްތައް ހިންގޭނީ ސީ.އެމް.ޑީ.އޭ.ގައި ރެޖިސްޓަރކޮށް ހުއްދަ ލިބިގެންކަމަށެވެ. ނަމަވެސް ޖެމްކިއު ރެޖިސްޓަރކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ބުރަ މަސައްކަތުން ހޯދުމަށްފަހު ރައްކާކޮށްފައި ހުންނަ ފައިސާ މިފަދަ ސްކީމްތަކަށް އިންވެސްޓުކުރުމުގެ ސަބަބުން ގެއްލުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓުނުކުރުމަށް ފުލުހުންނާއި ސީ.އެމް.ޑީ.އޭ.އިން ވަނީ އިލްތިމާސްކޮށްފައެވެ. 

ނަމަވެސް އެ ބަޔާނަށް ފަހުވެސް ގިނަ ބަޔަކު ދިޔައީ މި ޕޮންޒީ ސްކީމަށް ފައިސާ އަޅަމުންނެވެ. އެމީހުން ހިންގަމުން ދިޔަ ޕްރޮމޯޝަންތަކުގެ އަވައިގައިޖެހި، މިކަން ހުއްޓުވުމަށް ބާރުއެޅި މީހުންގެ އަޑު ނާހާ ގިނަ މީހުން ވިސްނީ އިތުރަށް އިންވެސްޓުކުރާށެވެ.

ޖެމްކިޔުއިން ހިންގަމުންދާ ޓެލެގްރާމް ގްރޫޕުގައިވާ ގޮތުން، އެ ސްކީމުން ފައިސާ ނުނެގޭކަން މިހާރު ވަނީ ޔަގީންވެފައެވެ. ފައިސާ ނެގޭނެކަމަށް ބުނަމުން ދިޔައީ، ޕްރޮމޯޝަންތަކުގައި މީހުން ފައިސާ އަޅަމުން ދިއުމުންކަމަށް ގަބޫލުކުރެވެއެވެ. "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށާފައިވަކަމަށް ވެސް ޓެލެގްރާމްގައިވެއެވެ. އަދި ޖެމްކިއުގެ ފަރާތުން މަސައްކަތް ކުރަމުންދިޔަ ރެޕްރެޒެންޓެޓިވް ގްރޫޕްގައި ލިޔެފައި އޮތީ އެ ޕްލެޓްފޯމުގައި އިންވެސްޓުކުރުމަށެވެ.  

ޖެމްކިޔުގެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފައެވެ. ނަމަވެސް އެ ތަހުގީގުގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

މި ސްކީމްއާއެކު ވިސްނަންވީ ކަމަކީ، މިފަދަ ސްކީމްތަކުން ރައްކާތެރިވެ، ގިނަ ދުވަހުގެ މަސައްކަތުން އެއްކޮށްފައިހުރި ފައިސާ މިފަދަ ކަންކަމުގެ ތެރެއިން ގެއްލުވާ ނުލުމަށެވެ. މި ކަންކަމުން އިބުރަތް ހޯދާށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS