Ads by Stelco

ޚަބަރު

ޖަލު އޮފިސަރުންގެ އަޑު އެހުން ސިއްރު ނުކުރަން ނިންމައިފި

ޖަލު އޮފިސަރުންގެ އަޑު އެހުން ސިއްރު ނުކުރަން ނިންމައިފި

މައްސަލައިގައި ހިމެނޭ ޕްރިސަންސްގެ އޮފިސަރުން---

21 ޖޫން 2025، 01:28

ކ. މާފުށީ ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަޑުއެހުން ސިއްރު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކޯޓުން މިހެން ނިންމީ، މި އަޑުއެހުން ސިއްރުކުރަން ޖެހޭނެ ހާލަތެއް ނެތްކަމަށް ބަލާފައެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއުވެސް ނިންމަވާފައިވަނީ އަޑުއެހުން ސިއްރުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. 

މައްސަލަ ސިއްރުކޮށްދޭން ދިފާއުން އެދުނު ސަބަބުތަކުގެ ތެރޭގައި މައްސަލައިގެ ބާވަތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމާއި، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެކަމަށް ބުނެފައިވެއެވެ.

ކަރެކްޝަންސް އޮފިސަރުންގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށައެޅީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ޕީޖީން ދައުވާކޮށްފައިވަނީ  ރ. އުނގޫފާރު / އައިވަރީ ހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި، ކ. މާފުށި / ބީޗްހައުސް، ޢަލީ ހިޝާމާއި، ހދ. ނޭކުރެންދޫ / ތަރާނާގެ، ޢަލީ ނާޡިމާއި، ގއ. ވިލިނގިލި / ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ އަދި ނ. ލަންދޫ / ކާމިނީގެ، ޢަލީ އަސްފާޤްގެ މައްޗަށެވެ.

މި މީހުން ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައެވެ. އެ މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކުރި ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ. 

ޕީޖީން އޭރު ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS